މި އަހަރު ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ނިމޭނެ: ރައީސް މި އަހަރު ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ނިމޭނެ: ރައީސް

މި އަހަރު ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމު ކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއު ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަށް ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
ޕޮލިސް ސްޓޭޝަންތައް ގާއިމު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައިވާކަން ހާމަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް ގާއިމުކުރާނީ ތަނެއް ކުއްޔަށް ހިފައިގެން ހިދުމަތް ދިނުމުގެ ބަދަލުގައި، އަމިއްލަ ތަނެއް އިމާރާތް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަމާޒަކީ މި ފެށިގެން މިދާ އަހަރު ނިމެންވާއިރަށް. 2025 ގެ ނިޔަލަށް ދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް، އެ ރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެނެއް ނޫން. އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމުކުރުން. އެކަން ހާސިލު ކުރުމުގެ ބޮޑު މަޝްރޫއެއް ފެށިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ޕޮލިސް ސްޓޭޝަންތައް ގާއިމުކުރާނީ އެ ރަށެއްގެ އާބާދީ އާއި އިގްތިސާދީ ގޮތުން ހުރި ކަންކަމަށް ވިސްނައި، ރަށަށް ބޭނުންވާ ބޮޑުމިނެއްގައި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއަށް އަދި އާބާދީ އިތުރުވަމުންދާ ނިސްބަތާއި ރަށުގެ ނީޑަށް، އިގްތިސާދީ ގޮތުންނާއި ދެން ހުރި ކަންކަމަށް ވިސްނާފައި ވެސް ބޭނުންވާ ސައިޒެއްގައި ހުންނަ ޕޮލިސް ހިދުމަތް ދޭނެ މަރުކަޒެއް، ޕޮލިސް ޕޯސްޓް ނޫނިއްޔާ ޕޮލިސް ސްޓޭޝަން ހަދާނެކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2027 ގެ ކުރިން ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.
އޭރު މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ފަހުން ބައެއް ރަށްތަކުގައި ޕޮލިސް ޕޯސްޓު ވަނީ ހުޅުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ