މިއަދު ތަންފީޒުކުރަން ފެށި ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ހޯދަން ދަތި ފަންނުތަކަށް މީހުން ހޯދުމަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނޭކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.
މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން މިއަދު ފެށުމާއެކު ޕޭ ކޮމިޝަނުން ވަނީ ދައުލަތުގެ ޕޭ ފްރޭމް ވަރކްއާ ގުޅޭގޮތުން ބައެއް ނުކުތާތަށް ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ، މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ފަންނުތައް ވަކިކޮށް އެ ފަންނަކަށް އެކަށޭނެ މުސާރައާއި އިނާޔަތްތަކެއް ކަނޑައެޅުގެން ދިއުމެވެ.
އެގޮތަށް ކަނޑައެޅުމުގައި ދައުލަތުގެ މާލީ ފުދުންތެރިކަމަށް ބަލާފައިވާއިރު، ގެނެވުނު ބަދަލުގައި ބައެއް ފަންނުތަކަށް އެކަށޭނެ ބަދަލުތަކެއް ގެނެސްފައިވާނޭކަމަށް ޕޭ ކޮމޮޝަނުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މީހުން ނުލިބޭ ދާއިރާތަކަށް މީހުން ހޯދުމުގައި ހުރި ގޮންޖެހުންތައް ހުރިކަމަށް ފާހަގަކޮށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެކަމަށް ވަނީ ރިޔާތަތްކޮށްފައެވެ.
މިގޮތުން ޕޭ ފްރޭމްވަރކަށް ބަދަލުގެނައި ދާއިރާތަކަށް ބަލާއިރު، މުދިމުންނާއި އައިސީޓީ ދާއިރާ ފާހަގަކޮށްލެވެއެވެ. މުދިމުންނަށް މިހާތަނަށް މުސާރަ ދިނުމުގައި ގެންގުޅެމުން އައި އުސޫލާ ހިލާފަށް އަލަށް އަމަލުކުރަން ފެށި އުސޫލްގެ ދަށުން މުދިމުންނަށް އެޓެންޑެންސް އެލަވަންސް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. ރަނގަޅު މުއައްޒަފުން ނުލިބޭތީ އެދާއިރާއަށް މުސާރައާ އިނާޔަތްތައް ކަނޑައެޅުމުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން ސައިންސް އެންޑް ބިލްޓް އެންވަޔަރަމަންޓް ޖޮބް ފެމިލީއަށް ނިސްބަތްވާ ފަންނުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ރާއްޖޭގައި މީހުން ތަމްރީނުވެފައިވާ މީހުން މަދު އަދި ޤައުމީި އިންފްރާސްޓަރކްޗަރ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުތަކުގެ މީހުން ބިނާކުރުމަށްޓަކައި އެފަންނުތަކަށް މުސާރައާ އިނާޔަތްތައް ކަނޑައެޅުމުގައިވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ދައުލަތުގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ފަންނުތަކަށް ތަފާތު މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވުމުން ފަންނުތަކުގެ މުވައްޒަފުންނަށް އޭގެ ފައިދާކޮށް، މީހުން ހޯދަން ދަތި ފަންނުތަކަށް މީހުން ހޯދަން ފަސޭހަވެގެންދާނޭކަމަށް ޕޭ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މުސާރައިގެ އައު އޮނިގަނޑާއެކު ބައެއް ފަންނުތަކަށް މީހުން ހޯދަން ފަސޭހަވެގެންދާނެ: ޕޭ ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ