ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ހިތެއް ދެއްވަވައިފައެވެ. އެހިތް ޠޯހިރުކުރެވުމުން އެހިތުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލި މަތިވެރިވެގެންދެއެވެ. އެމީހަކު ދިރިއުޅޭ ގޭގެ ނުވަތަ ަތނުގެ ކަންތައްވެސް އޮތީ ހަމަ އެފަދަ ގޮތަކަށެވެ.
މިގޮތަށް ވިސްނާށެވެ! ތިމާއަށް ﷲ ތަޢާލާ ވަނީ ބޯހިޔާވަހިކަން ދެއްވަވައިފައެވެ. ވަރަށް ރީތި ގެއަކަށްވެސް ވެދާނެއެވެ. އަދި އާދައިގެ ފެންވަރެއްގެ ގެއަކަށްވެސް ވެދާނެއެވެ. ފަނުން ނުވަތަ ކިސަޑުން ހަދާފައިވާ ޖިފުޓިއަކަށްވެސް ވެދާނެއެވެ. ކިތަންމެ އާދައިގެ ފެންވަރެއްގެ ގެއެއް ނަމަވެސް އެމީހަކު ދިރިއުޅޭތަން ވާނީ އެމީހަކަށް އެންމެ މުހިންމު ތަނަށެވެ.
ދެން މިވާގޮތަކީ ގޭގައި ޞުލްޙަވެރިކަމެއް ނެތެވެ. ލޯތްބެއް ނެތެވެ. އޮންނަނީ ބާރަށް ބަސްބުނުމެވެ. އަޑުގަދަކުރުމެވެ. ޒުވާބުކުރުމެވެ. ރިވެތި އަޚްލާޤީ ހަމަތަކާއި އުޞޫލުތަކެއް އެގެއަކު ނެތެވެ. އެހެންކަމުގައި ވެއްޖެނަމަ އެގެއަކީ ކިތަންމެ ރީތި، ފުރިހަމަ ގެއެއް ނަމަވެސް އެގެއެއްގެ ރީތިކަމަކީ ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް ރީތި ގެއެއް ބޭނުންވާނެއެވެ. ވީހައި ފުރިހަމަ ފަރުނީޗަރާއި ވަސީލަތްތައްވެސް ބޭނުންވާނެއެވެ. ވީހާ ސްކްރީން ބޮޑު ޓީވީއެއްވެސް ބޭނުންވާނެއެވެ. ވީހާ ބޮޑު ފްރިޖެއްވެސް ބޭނުންވާނެއެވެ. ގޭގެ ބޮކިތައްވެސް ވީހާ ރީތިވެފައި އަލިގަދަވެފައި ހުންނަންވެސް ބޭނުންވާނެއެވެ. އެއާކޮންޑިޝަންކުރެވިފައިހުންނަންވެސް ބޭނުންވާނެއެވެ. މިހެންގޮސް ހުރިހާ ކަންކަންވެސް އެންމެ ފުރިހަމަވެފައި ހުންނަން ބޭނުންވާނެއެވެ.
އަހުރެންގެ ސުވާލަކީ ގޭގެ ކަންކަން މިބުނިމަގުން ކިތަންމެ ފުރިހަމަވެފައިހުރިނަމަވެސް އެގެއެއްގައި މީހުން ދިރިއުލެނީ މިބުނި ފަދަ ނުބައި ގޮތުގައިކަމަށްވާނަމަ އެގެއަކަށް ލިބިފައިވަނީ ކޮން ރީތިކަމެއްހެއްޔެވެ؟
އަދިވެސް ސުވާލުކޮށްލާނަމެވެ. އެގެއެއްގައި ނަމާދުކޮށް ޛިކުރު ނުކުރެވޭނަމަ، އެގެއެއްގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރެވޭނަމަ ޚާއްޞަކޮށް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރާނަމަ އެގެއަކަށް ލިބިފައިވަނީ ކޮން ރީތިކަމެއް ހެއްޔެވެ؟
އަހުރެންގެ ނަޒަރުގައި އެފަދަ ގެއަކަށް އެއްވެސް ރީތިކަމެއް ލިބިގެނެއް ނުވެއެވެ. ނަމަވެސް ކިތަންމެ އާދައިގެ ފެންވަރުގެ ގެއެއްގައި ނަމަވެސް، ފަން ޖިފުޓިއެއްގައި ނަމަވެސް ދެބަސްވުމާއި އަރައިރުން ނުވެ، ﷲ ތަޢާލާއަށް އަޅުކަންކޮށް ޛިކުރުކޮށް، ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަން ނުކުރާނަމަ އެގެ ވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ފުރިހަމަ ގަނޑުވަރަކަށެވެ. އެގެއެއްގައި ދިއްލަނީ ފުޅިބައްތިނަމަވެސް އެގޭގެ އަލިކަން އުޑުގަދަތަކަށް ފޯރާނެއެވެ. އިން ޝާ ﷲ.
ވީމާ ދިރިއުޅޭގެ ގަނޑުވަރަކަށް ހަދަން ކުރަން އޮތްކަމަކީ ހަމައެކަނި ގެ ވީހައި ފުރިހަމަކުރުމެއް ނޫނެވެ. ގޭތެރޭގެ ކަންކަން މިބުނި މަގުން ޒީނަތްތެރިކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިބާއަށް ދިރިއުޅެން ލިބިފައިވަނީ ޖިފުޓިއެއް ނަމަވެސް އެއީ އުޑުތަކަށް އަލިފޯރާ އަލިގަދަ ގެއަކަށް ހެދުމުގެ ފުރުޞަތު އެބައޮތެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ