ބަހާލި ޕްރޮޖެކްޓުތައް: އުވައިލުމުގެ މަރުހަލާގައި އޮތް މެންބަރު ތޯރިގުގެ ކުންފުންޏަށް 4.7 މިލިއަނަށް ދެ ޕްރޮޖެކްޓު ބަހާލި ޕްރޮޖެކްޓުތައް: އުވައިލުމުގެ މަރުހަލާގައި އޮތް މެންބަރު ތޯރިގުގެ ކުންފުންޏަށް 4.7 މިލިއަނަށް ދެ ޕްރޮޖެކްޓު

ބިޑު ކުރުމެއް ނެތި މިއަދު ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ކުޅިވަރުގެ ދާއިރާއިން ހދ. ކުޅުދުއްފުށީގައި ހިންގަން ހަވާލުކުރި ދެ ޕްރޮޖެކްޓު ހަވާލުކުރި މައިނާ ސްޕޯޓްސް ފީލްޑު ކުންފުންޏަކީ މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތޯރިގު (ޓޮމް) ގެ، އުވައިލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްކަން އެނގިއްޖެ އެވެ.
މައިނާ ސްޕޯޓްސް ފީލްޑްއާ މިއަދު ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯޅަ އަދި ފުޓްސެލް ކުޅެވޭ ގޮތަށް މަލްޓި ޕާޕަސް ކޯޓެއް އެޅުމަށާއި އެ ސިޓީގައި ހުންނަ ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެވެ.
މަލްޓި ޕާޕަސް ކޯޓު އެޅުމުގެ މަޝްރޫއު މައިނާ ސްޕޯޓްސް ފީލްޑާ ހަވާލުކުރީ 1,697,329.99ރ. އަށެވެ. ޒިގްޒެގް ސްޓޭޑިއަމްގެ ރޮސްޓްރަމް ހެދުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 3,025,208.93ރ. އަށެވެ.
ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި މައިނާ ސްޕޯޓްސް ފީލްޑުގެ މެނޭޖިން ޑިރެކްޓަރަކީ ތޯރިގެވެ. އެ ކުންފުނި އޮތީ އުވައިލުމުގެ މަރުހަލާގައިކަން ވެސް އެ ވެބްސައިޓުން އެނގެ އެވެ.
މައިނާ ސްޕޯޓްސް އުވައިލަން ނިންމާފައި ވަނީ ކުރިން އަމަލުކުރަމުން އައި ކުންފުނީގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ށ. ގެ ދަށުން އަހަރުން އަހަރަށް ދައްކަންޖެހޭ ފީ ނުދައްކާ އޮތުމުންނެވެ. ފުޓްސެލް އާއި ފުޓުބޯޅައާ ގުޅުންހުރި ދެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރިއިރު، ތޯރިގަކީ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ވެސް މެ އެވެ.
ވާދަވެރި ބީލަމަކަށް ނުގޮސް 53 ކުންފުންޏަކަށް 206 މަޝްރޫއު މިއަދު ބަހާލި އެވެ. އެ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގެ 52 މަޝްރޫއުއެއްގައި މިއަދު ސޮއިކުރިއިރު، މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުސް ޕޯސްޓާއި މަރުކަޒުތައް ހިމެނޭ ގޮތަށް ޖުމުލަ 39 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިއަދު މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރިއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މިއަދު ހަވާލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ