ސިނގިރޭޓު ވައްކަމާއި މުއާޒާ ގުޅުވޭ މިންވަރަށް ހެކި އެބަހުރި: އަމުރު

ވަގަށް އެތެރެކުރަން އުޅެނިކޮށް ހުއްޓުވާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައާއި އެ ތުހުމަތުގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ގުޅުވޭ ހެކި އެބަހުރި ކަމަށް ކޯޓު އަމުރުގައި އިއްޔެ ބުނެފިއެވެ. މި ކަމާ ގުޅިގެން މިހާރު މިފްކޯއިން ސަސްޕެންޑުކޮށްފައިވާ މުއާޒުގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވެގެން އިއްޔެ ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. އެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، މި ވައްކަމާއި މުއާޒާ ގުޅުވައިނުލެވޭނެ ކަމަށް އޭނާގެ ވަކީލުން ކޯޓުގައި ވަނީ ބުނެފައެވެ. އެކަމަކު، މުއާޒާއި ކުށާ ގުޅުވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބަންދު އަމުރުގައި ގާޒީ އާދަމް މުހައްމަދު ވަނީ ބަޔާންކޮށްފައެވެ. އަދި، އޭނާއާ ދެކޮޅަށް ހުށަހެޅި ބަޔާންތަކުގައި ހުރި ތަފުސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ވެސް އަމުރުގައިވެއެވެ. މުއާޒް ވަނީ އޭނާގެ ބަންދަށް ލުޔެއް ދޭން އެދިފައެވެ. އެކަމަކު، ގާޒީ ވަނީ އޭނާ އިތުރު 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. އަދި، ހައްޔަރުކުރި އިޖުރާއަތް ގޯސް ކަމަށް މުއާޒްގެ ވަކީލުން ފާހަގަކުރި ނަމަވެސް ހައްޔަރުކުރި އިޖުރާއަތް ގޯސް ކަމަށް ކަނޑައަޅައިދީފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މުއާޒް ކުރިން ވަނީ ކަސްޓަމްސްގެ އިސް މަގާމެއް ފުރުއްވާފައެވެ. https://sun.mv/212894 އޭނާއާ އެކު އިތުރު ތިން މީހަކު ހައްޔަރުކުރީ، މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދެން ހައްޔަރުކުރީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ. އޭގެ ތެރެއިން އާރިފާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖެހިއިރު، ވަހީދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުުގީގެއް ފަށައި، ލިބުނު މައުލޫމާތާ ގުޅިގެން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައެވެ. މީގެ އިތުރުން ކަސްޓަމްސްއިން ވަނީ، އެ މައްސަލައިގައި އެ ޚިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ