މޫސުމީ ބަދަލުތަކާ އެކު ޓޫރިޒަމަށް ކުރާ އަސަރު ދެނެގަތުން މުހިއްމު: ތޯރިގު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަނެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު މައުލޫމާތު ދެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
ބުނީ ކީކޭ؟ - މޫސުމީ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގަލާއި ފަރުތަކަށް ގެއްލުންވާ ކަމަށެވެ.
އެންމެ މުހިއްމީ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އަލްނީނޯ އަހަރެއްގައި. މި އަހަރަކީ އަލްނީނޯ އިޔާއެއް. އަލްނީނޯ އިޔާއެއްގައި ލޮނުގަނޑު ހޫނުވާއިރު ކޮން ކަންތައްތަކެއް ކޮށްގެންތޯ އަޅުގަނޑުމެންނަށް ކޮރަލް ބްލީޗިންގެ ކަންތައް ކުޑަކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
މިފަދަ މައުލޫމާތު ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ވެސް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުން ހުރި - މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް 2024 ވަނަ އަހަރު ބޭއްވި ކޮޕް29ގެ ހަވާސާގައި ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެމެހެއްޓެނެވި ފަތުރުވެރިކަން ކުރިއަރުވާ ތަރައްގީކުރުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެނގުން މުހިންމު - ހޫނުގަދަވެ، ރާއްޖޭގެ ފަރުތަކުގެ ގަލާއި މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ގުޅުން ހުރި އެ ފަދަ މަސައްކަތްތައް މެދުކަނޑާލުމަށް، ކަމާ ބެހޭ ޖަމިއްޔާއަކުން އިއްޔެ ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ