މިދިޔަ ހޮނިހިރު ދުވަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް ބޮޑު ތަނުން ރައްޔިތުން ބުނީ ނޫނެކޭ އެވެ. ސަރުކާރުގެ ހުށަހެޅުމާ އެއްގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ފެނުނީ (67،329 މީހުން) އެންމެ %31 މީހުނަށެވެ. އެ ކަން ކުރަން ނުފެންނަ ކަމަށް %69 މީހުން (147،928 މީހުން) ވޯޓު ދިނެވެ.
އެކަމަކު މި ވޯޓު ލުމުގެ 1 މަހާއި 25 ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް މި އިސްލާހު ގެނައީ މަޖިލީހުގެ ސުޕަ މެޖޯރިޓީންނެވެ. މަޖިލީހުގެ 71 މެންބަރަކަށް މި އިސްލާހު ގެންނަން ފެނުނެވެ. ނުފެންނަ ކަމަށް ތަޅުމުގައި ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ޖަލްސާ ބޮއިކޮޓްކުރި އެވެ.
މިއިން ސާފުވާ ކަމަކީ، މި ހުށަހެޅުމަކީ ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވި ވިސްނުމެއް ކަމެވެ. ގެނައި އިސްލާހަކީ ރައްޔިތުންގެ ތެރެއިން އައި ޝުއޫރެއް ނޫން ކަމެވެ. ރައީސް ކޮންމެހެން ބޭނުންފުޅުވެގެން އެކަނި ކުރި ކަމެއްކަން މިހާރު ޔަގީނެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެ މަނިކުފާނު ލީޑުކުރައްވާ ޕީއެންސީގެ އަތުގަ އެވެ.
އެކަމަކު އެއީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންނާއި މަޖިލީހުގެ ގުޅުން ބަދަހިވާން ޖެހޭނެ އެވެ. ކޮންމެ ޕާޓީއަކުން އިންތިހާބުވި ނަމަވެސް ގާނޫނުތައް ހަދަން ޖެހެނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެނެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން، ސަރުކާރު ހިންގާ ޕާޓީގެ ފިކުރަށް ތާއީދުކުރާ މީހުންގެ ތެރޭގައި ވެސް މާ ބޮޑު ތާއީދެއް ނެތެވެ. ޕީއެންސީގެ ދަފްތަރުގައި ތިބި އެންމެން ވެސް މި ވޯޓުގައި އާނއެކޭ ނުބުނާކަން ސާފެވެ. އެ ޕާޓީގެ ދަފްތަރުގައި ވެސް 75،000އެއްހާ މީހުން އެބަތިއްބެވެ. ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު ރަށްރަށުން ވެސް މި އިސްލާހަށް ބުނީ ނޫނެކޭ އެވެ. އެ ރަށްރަށުގެ ކައުންސިލް މެޖޯރިޓީ ވެސް ޕީއެންސީއަށް ލިބުނު ނަމަވެސް މި އިސްލާހު ތަސްދީގުކުރަން އެ މީހުންނަކަށް ނުފެނުނެވެ.
"މަޖިލީހުގެ %85 މެންބަރުން އާނއެކޭ ބުނި އިސްލާހަކަށް ރައްޔިތުންގެ ގާތްގަނޑަކަށް %70 ނޫނެކޭ ބުނީމާ މީގައި މައްސަލަތަކެއް އެބަ އުޅޭ. ޕާޓީއެއް ތަމްސީލްކުރި ނަމަވެސް އޭގެ މާނައެއް ނޫން އެ ތަނުގައި ތިބެނީ ޕާޓީގެ ލީޑަރުންގެ ޕްރޮޕަގަންޑާއަށް މަސައްކަތްކުރާށޭ،" މޫބީން ޖަލީލް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.
ހަގީގަތަކީ މި މަޖިލީހުން ގެންދަނީ ވަރަށް އަވަސްއަރުވާލައިގެން ބައެއް ބަދަލުތައް ގެންނަމުންނެވެ. ގާނޫނުތަކާއި ގާނޫނުއަސާސީއަށެވެ. އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށް ގާނޫނުއަސާސީ ބަދަލުކުރުމާއި، އެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ޓަކައި ބޭނުންވާ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނެއް ވެސް މަޖިލީހުން ގެނައީ އަވަސްއަރުވާލައިގެނެވެ.
ދުސްތޫރީ ގާނޫނުތަކުގެ ތަޖުރިބާކާރު ގާނޫނީ ވަކީލު މަހުފޫޒު ސައީދު 'ދައުރު'ގެ ވޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނުގައި މަޖިލީހުން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ގަރާރެއް ނެރޭއިރުގައާއި ރައީސް ގަރާރެއް ނެރޭއިރުގައި ވެސް ތަފާތުތަކެއް ފެންނަ ކަމަށެވެ. އެކަމަކު އެ ފަރަގުގެ ހިކުމަތެއް އަދި ސަބަބެއް މަޖިލީހުގެ މެންބަރުންގެ ވާހަކަތަތަކުން ނޭނގެ އެވެ.
އެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ފަރަގަކީ:
ބިލުގައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުން ވޯޓަކަށް ދަންޏާ، އެ ކަމަށް އެއްކޮޅަށް ހުރި ހުއްޖަތްތައް އަދި ދެކޮޅަށް ހުރި ހުއްޖަތްތައް ވެސް ބަޔާންކުރާ މައުލޫމާތު ކަރުދާހެއް އާންމުކުރަން ޖެހޭ
އެކަމަކު ރައީސަށް މި އޮންނަނީ ހަމައެކަނި އެއްކޮޅަށް ހުރި ހުއްޖަތް ދެއްކުން؛ ދެކޮޅަށް ހުރި ހުއްޖަތް ދައްކަން ރައީސަށް ލާޒިމެއް ނުކުރޭ
"އެ ފަރަގު ގެނައި ސަބަބެއް ފެންނާކަށް ނެތް. އޭގެ ހިކުމަތެއް ނޭނގެ. މަޖިލީހުގެ ޔައުމިއްޔާތަކުން ވެސް ނުފެނޭ. ހަމަ ފޮނުވި ގޮތަށް ފާސްކޮށްލާފައި ވަނީ. އެ ވެދާނެ ޓައިޕިން އެރޯއަކަށް ވެސް،" ގާނޫނުގައި އުނިކަންކަން ގިނަވެފައި، އޭގެ ސަބަބު ވެސް މެންބަރުންގެ ވާހަކަތަކުން ފެންނަން ނެތުމުން ސަމާސާ ގޮތެއްގައި މަހުފޫޒު ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ގާނޫނު މަޖިލީހަށް ހުށަހެޅީ 7 ޖުލައި 2025ގަ އެވެ. އެންމެ ދެ މަސް ތެރޭގައި 15 ސެޕްޓެމްބަރު 2025ގައި އެ ގާނޫނު ފާސްކުރިއިރު ހަމައެކަނި ގެނައި ބަދަލަކީ ވަކި ސަރަހައްދަކަށް ހާއްސަކޮށް ވެސް މި ވޯޓު ނެގޭނެ ކަމެވެ. އެއީ ވެސް އައްޑު އަތޮޅުގެ ބައެއް ސިޓީ ކައުންސިލުން ވަކިކުރުމަށް އެ ކަމުގެ ވޯޓެއް ނަގަން ސަރުކާރުން ބޭނުންވާތީ ގެނައި ބަދަލެކެވެ. އިތުރު އެއްވެސް ބަދަލެއް ނުގެނެ އެވެ.
މިހެން މި މަޖިލީހުން ގެނައި ވަރަށް ގިނަ އިސްލާހުތައް އެބަހުއްޓެވެ. އަވަސްއަރުވާލައިގެން ފާސްކުރި ކަންކަމުގެ ތެރޭގައި މީހުންގެ ފާޑުކިޔުން ބޮޑުވި ކަންކަން ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ:
މެންބަރުން 'ތަޅު އަޅުވާލި' އިސްލާހު: ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ދުވަހެއްގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި، ތަޅުމަށް ބަލައިގަތުމަށް ފަހު ކޮމިޓީއަށް ފޮނުވައި ކޮމިޓީން ފާސްކޮށް ތަޅުމަށް ގެނެސް ތަޅުމުން ވެސް ފާސްކޮށްލި
މީޑިއާ ކޮންޓްރޯލް ގާނޫނު : މަޖިލިސް ޗުއްޓީގައި އޮއްވައި، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ސޯޝަލް މީޑިއާ 'ރެގިއުލޭޓް' ކުރުމުގެ ނަމުގައި ސަރުކާރަށް ތާއީދުކުރައްވާ ނަމަވެސް އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ މެންބަރަކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ފަހު ސުޕަ މެޖޯރިޓީން މި ބިލު ފާސްކުރަނީ ބިލު ބޭރުކުރަން ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ މަދަނީ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް
އަތޮޅު ކައުންސިލް އުވާލި އިސްލާހު: އަތޮޅުތަކުގެ ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި، ކައުންސިލްތައް ތަމްސީލްކުރާ ޖަމިއްޔާގެ ހިޔާލުތަކަށް ބެލުމެއް ނެތި އަދި ގައުމީ ޔުނިވާސިޓީން އަތޮޅު ކައުންސިލް ބާރުވެރިކުރުމަށް ލަފާދީ އެކުލަވާލާފައިވާ ދިރާސާއަށް ވެސް ބެލުމެއް ނެތި ގާނޫނުއަސާސީއާއި ގާނޫނު އިސްލާހުކޮށްގެން އަތޮޅު ކައުންސިލްތައް އުވާލި
ކައުންސިލްތަކުގެ ބާރު 'ކަނޑުވާލ'ި ބިލާއި އާބަން ޑިވެލޮޕްމަންޓްގެ ގާނޫނު : ލޯކަލް ކައުންސިލްތަކަށް ދީފައިވާ މާލީ ބާރުތަކެއް ކައުންސިލްގެ ފަހު ދައުރު ނުދެވޭ ގޮތަށް ގެނައި އިސްލާހަކާއި ސަރުކާރަށް ރަށްރަށުގެ ޕްލޭން ހެދުމަށް ބާރު ދެވޭ ގޮތަށް ގާނޫނެއް ފާސްކުރީ އެ ކަމާ ދެކޮޅަށް ކައުންސިލްތަކުން އަޑުއުފުލަމުން ދަނިކޮށް
މަޖިލީހުން މި ބަދަލުތައް ގެނައީ ނަމަކަށް އިޖުރާއަތްތައް ފުރިހަމަކޮށްގެނެވެ. ހިޔާލު ހޯދަން ހުޅުވާލީ މުޅިން ވެސް 24 ގަޑިއިރު ނުވަތަ 48 ގަޑިއިރަށެވެ. ހިޔާލުތައް ލިބުމުން ހިޔާލު ލިބުނު ކަމާއި ހިޔާލަށް ބަލައިލިން ކަމަށް ޔައުމިއްޔާގައި ލިޔެލަނީ އެވެ. ހިޔާލު ކިޔައިލަން ވެސް ވަގުތު ނުނަގާނެ އެވެ.
"ކައުންސިލްތަކާ ގުޅުން ހުރި ގާނޫނުތަކަށް އިސްލާހު ގެންނަ ބިލުތައް ފާސްކުރީ ހިޔާލު ހޯދި ކަމަށް ހަމައެކަނި ބުނެލައިގެން. ހިޔާލު ހުށަހަޅަން ވެސް އެކަށޭނަ ވަގުތެއް ނުދޭ. ދެން އެ ހިޔާލު ހުށަހެޅިއަކަސް އެއަށް ނުބަލާ ހަގީގަތުގައި. ހަމައެކަނި ފުޓްނޯޓްގައި މި ޖަހަނީ ބެލީމޭ،" ކައުންސިލްތަކުގެ ޖަމިއްޔާގައި އެޑްވޮކެސީ މަސައްކަތްކުރައްވާ އައިމަން ރަޝީދު ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނަށް ވެސް ހުރިހާ މީޑިއާއެއްގެ ހިޔާލު ހޯދި އެވެ. ނޫސްވެރިންގެ ޖަމިއްޔާގެ ހިޔާލު ވެސް ހޯދި އެވެ. އެކަމަކު އަވަސްއަރުވާލައިގެން ގެންދިޔަ ގޮތުން އެ ގާނޫނު ފާސްކުރިއިރުގައި ވެސް ފޮނުވި ހިޔާލުތައް ބެލިހެނެއް ހިއެއް ނުވެ އެވެ. ކުދި ބަދަލުތަކެއް ގެނައަސް ގާތްގަނޑަކަށް ފާސްކުރީ ސަރުކާރުން ފޮނުވި ގޮތަށޭ ހަމަ ބުނެވިދާނެ އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަކި ޕާޓީއަކަށް ދިނުމަކީ، މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހަމަ މެންބަރުން 'ހިތުހުރި ގޮތަކަށް' ކަން ކުރަން ރައްޔިތުން ދިން ބާރެއް ނޫނެވެ. ނަމަވެސް ޒިންމާދާރުކަމާ އެކު ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ނިޒާމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް ދިން ބާރެކެވެ.
އެއް ދުވަހެއްގައި މައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް މަޖިލީހުގެ މެންބަރުން ނިންމި ނިންމުމަކަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނޫނެކޭ ބުނެ ދިން މެސެޖަކީ އެއީ އެވެ.
"މެންބަރުން މިނިވަންވާންވީ ވަގުތަކީ މިއީ. އެއްވެސް މެންބަރަކު ހާސްވާންޖެހޭ ކަމެއް މިހާރަކު ނެތް،" ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެކްސްގައި ލިއުއްވި އެވެ.
ދެ އިންތިހާބު އެއްކުރުމަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ އަލީ ހުސައިނެވެ. އަދި ޕާޓީން ކަނޑާލައިގެން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ވަޑައިގަތީ ވެސް އަލީ އެވެ.
އަލީ ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ނިޒާމެއްގައި މަޖިލީސް މަސައްކަތްކުރާނީ މަޖިލީހުގެ މެންބަރުން މިނިވަންވެގެނެވެ. އެއީ މި ނިޒާމު ސަރުކާރަށް ފާރަވެރިވާން އިންތިޒާމުކޮށްދީފައިވާ ގޮތަކީ ސީދާ މަޖިލީހުން އެ ކަން ކުރާ ގޮތަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެކޭ ބުނަނީ އެ ކަމަށް ރިއާޔަތްކޮށެވެ.
ނަމަވެސް ދިމާވެގެން އުޅޭ ކަމަކީ، އަލީ ވިދާޅުވާ ގޮތުގައި، ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުންގެ ނުފޫޒު ނިޒާމުގައި ބޮޑުވުމެވެ. މަޖިލީހުގެ މެންބަރުންނަށް ވޯޓު ދެވެނީ ޕާޓީން ނެރޭ ވިޕްލައިނާ އެއްގޮތަށެވެ. އެހެން ނޫނީ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ބިރު އެބަ އޮތެވެ.
އޭގެ ކުރިން ވެސް މަޖިލީހުގެ ގަވާއިދު އޮންނަނީ ޕާޓީތަކުގެ ނުފޫޒު ބޮޑުވާ ގޮތަށް ކަމަށް އަލީ ގަބޫލުކުރައްވަ އެވެ. ޕާޓީއަކަށް ނިސްބަތްނުވާ ނަމަ މެންބަރަކަށް ބަހުސްކުރަން ލިބެނީ ވެސް އެންމެ 30 ސުކުންތެވެ. ދެން ތިއްބެވި މެންބަރުންނަށް ވަގުތު ލިބެނީ، ގޮނޑި ލިބިފައިވާ ނިސްބަތުން ޕާޓީއަށް ދެވޭ ވަގުތުގެ ތެރެއިންނެވެ. ޕާޓީގެ ވަގުތު ބޭނުންކުރާނެ މެންބަރުން ނިންމަނީ ޕާޓީގެ ލީޑާޝިޕުންނެވެ.
"ގާނޫނުއަސާސީގައި ސިޔާސީ ޕާޓީއަކީ ވަކި ސިޔާސީ ފަލްސަފާއެއް ފެތުރުމުގެ މަގުސަދުގައި ސިޔާސީ ހަރަކާތްތައް ސުލްހަވެރިކަމާ އެކު އިންތިޒާމުވެގެން ހިންގުމަށް އޮންނަ މުއައްސަސާތަކެއް. ހަގީގަތުގައި މަދަނީ ޖަމިއްޔާތަކަށް ދީފައި އޮންނަ ހައިސިއްޔަތެއް ދީފައި އޮންނަނީ. މިހާ ބާރުގަދަކޮށް ޕާޓީއެއް ހަރަކާތްތެރިވާކަށް ނޯވޭ،" އަލީ ވިދާޅުވެފައިވެ އެވެ.
ކޮންމެއަކަސް މަޖިލީހުގެ މެންބަރުން މި ވަގުތުން މި ވަގުތަށް މިިނިވަން ވާން ޖެހެ އެވެ. މެންބަރުން އަވަސްއަރުވާލައިގެން ފާސްކުރި އެންމެ ކަމަކަށް ރައްޔިތުންގެ އެހާ ބޮޑު އަގުލަބިއްޔަތެއް ނޫނެކޭ ބުނުމުން، އޭގެ މާނައަކީ ދެން ވެސް މި ގޮތަށް ނިންމި ނިންމުންތައް މުތާލިއާ ކުރަންޖެހޭ ކަމެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް އެ ނިންމުންތައް ބަދަލުކޮށް، ގާނޫނުތައް ބައްޓަންކުރާށެވެ.
ރައްޔިތުންނާއި މަޖިލީހުގެ ގުޅުން ކުޑަ؛ ނިންމުންތައް މުތޯލިއާކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ