އޭއައި ސަމިޓުން ފެނުނު ފިނި ހަނގުރާމަ ދުނިޔޭގެ ސަމާލުކަމަށް!
އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް" ގައި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ދެ އޭއައި ކުންފުނި ކަމަށްވާ އޯޕަންއޭއައި އާއި އެންތްރޮޕިކްގެ ސީއީއޯއިންގެ މެދުގައި އޮތް "ފިނި ހަނގުރާމަ" ނުވަތަ ވަރުގަދަ ވާދަވެރިކަން ހާމަވާ ފަދަ މަންޒަރެއް ފެނި، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. މި ހާދިސާ ފެނިގެންދިޔައީ ބޮޑުވަޒީރު މޯދީއާއެކު ސަމިޓުގެ އިސްވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން ތިއްބެވި ވަގުތުއެވެ. ފޮޓޯގައި ތިއްބެވި އެހެން ހުރިހާ ބޭފުޅުން އެކަކު އަނެކަކާ އަތްގުޅުވާލައިގެން (އެކަކު އަނެކެއްގެ އަތުގައި ހިފައިގެން) ތިއްބެވި ނަމަވެސް، އޯޕަންއޭއައި އާއި އެންތްރޮޕިކްގެ ސީއީއޯގެ ފަރާތްޕުޅުން ފެނިގެން ދިޔައީ އެ ދެ ބޭފުޅުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ. AI is out of control.Sam or Dario. Who will win? pic.twitter.com/qktHWk2iD8 — AshutoshShrivastava (@ai_for_success) February 19, 2026 "> AI is out of control.Sam or Dario. Who will win? pic.twitter.com/qktHWk2iD8 — AshutoshShrivastava (@ai_for_success) February 19, 2026 މި މަންޒަރަކީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އާއި އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭއީގެ މެދުގައި އޮތް ނުތަނަވަސްކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އިންޑިއާގެ ބާރަތު މަންޑަޕަމްގައި ފެބްރުއަރީ 16 އިން 20 އަށް ކުރިއަށްދާ މި ސަމިޓުގެ މި ފޮޓޯގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި މެޓާގެ އިސްވެރިންނާއި ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެހެން އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މަޖާ ގޮތަކަށް ބުނެފައިވަނީ، އިންސާނުންގެ ވިސްނުމާ އެއްވަރުގެ އޭއައި ނުވަތަ އޭޖީއައި އުފެދޭނީ ސޭމް އާއި ޑާރިއޯ އަތްގުޅުވާލާ ދުވަހަކުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑާރިއޯ އަމޯޑޭއީ އަކީ ކުރިން އޯޕަންއޭއައިގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް، އޭއައިގެ ރައްކާތެރިކަމާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި 2021 ވަނަ އަހަރު އޭނާ ވަނީ އެ ކުންފުނިން ވަކިވެ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކް އުފައްދާފައެވެ. ސަމިޓުގައި ވާހަކަދައްކަވަމުން ޑާރިއޯ ވިދާޅުވީ، އޭއައިގެ ސަބަބުން އިންސާނުންގެ ވިސްނުމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ކުރިއަރާފައިވާ ނިޒާމުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. އަދި އިންޑިއާގައި އޭއައިގެ ދާއިރާއިން ފެންނަ ހަކަތައާއި ޝައުގުވެރިކަން ދުނިޔޭގެ އެހެން އެއްވެސް ތަނަކާ ނުބައްދަލު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސޭމް އޯލްޓްމަންވެސް ވަނީ އިންޑިއާއަކީ އޭއައި ބޭނުންކުރުމުގައި ދުނިޔޭގެ ކުރީގައި އޮތް ގައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އެއް މާކެޓަށް އިންޑިއާ ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 އަށްވުރެ ގިނަ އޭއައި ލީޑަރުންނާއި، 150 އެކަޑެމިކްސް އަދި ޓެކްނޮލޮޖީ ދާއިރާގެ 400 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ