ކުޅުދުއްފުށީ އައިސް ޕްލާންޓް ނިންމައި މި އަހަރު ހިދުމަތް ދޭން ފަށާނެ

ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން އަޅަންފަށާ މަސައްކަތް ހުއްޓިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް މި އަހަރު ނިންމައި ހިދުމަތްދޭން ފަށާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން ކަމަށެވެ.
"މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ.ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ޙަވާލު ކުރާނަން." ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓް ގާއިމުކޮށް މިހާރު ވާނީ ހިދުމަތް ދޭން ފަށާފައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ވޭވަށާއި ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި، ނިމި ހިދުމަތް ދޭން ފެށާނެ ކަމަށެވެ.
އަދި ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި ގއ.ވިލިނގިލި، ގއ. ނިލަންދޫ، ކ.ގާފަރު، ދ.ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫގައި އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތްތައް ނިންމާ ، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ހިދުމަތް ދޭން ފަށާނެކަމަށެވެ.
މަސްވެރި އުޅަނދު ފަހަރުގައި ރެފްރިޖެރޭޓަޑް ސީ ވޯޓަރ ނުވަތަ RSW ނިޒާމް ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވްވެ، 25 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައިކަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އިތުރު 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ އެޕްލިކޭޝަނަށް ހުޅުވުލާފަކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ކުރީގެ ސަރުކާރުން އައިސްޕްލާންޓް އަޅަން ފެށީ ސަރުކާރުގެ ފަހު ދުވަސްތަކުގައި އަވަސް އަރުވަލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ