ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރަނީ

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް މާދަމާ އޮންނަ މާލިއްޔަތު ކޮމިޓީއަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ނިންމައިފިއެވެ.
ގަވަރުނަރު ހާޒިރުކުރާ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00ގައެވެ. އެ ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރުމަށް ނިންމާފައިވަނީ ކޮމިޓީގެ މެންޑޭޓުގެ ދަށުން އެމްއެމްއޭގެ މަސައްކަތްތަކާގުޅޭ މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަނަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވިއެވެ.
މާދަމާގެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރުމަށް ނިންމާފައިވިނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ހޯދުމަށް މާލިއްޔަތު ކޮމިޓީން ދަނީ ކަމާގުޅުންހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އެގޮތުން، މިދިޔަ މަހު އެ ކޮމިޓީއަށް މާލީ ވަޒީރުވެސް ވަނީ ހާޒިރުކުރައްވާފައެވެ.
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުގެ މައްސަލަވެސް މާލިއްޔަތު ކޮމިޓިއަށް ވަނީ ވަނީ ފޮނުވާފައެވެ. ނަމަވެސް އެ މައްސަލަ އަދި އެޖެންޑާ ކޮށްފައިނުވެއެވެ.
އަލީ ހާޝިމް މަގާމުން ވަކިކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެމަނިކުފާނު އެ މައްސަލަ ހުށަހެޅުއްވީ ސަރުކާރަށް ގަވަރުނަރުގެ ފަރާތުން އެއްބާރުލުން ނުދެއްވާކަމަށް ވިދާޅުވެއެވެ.
ސަރުކާރުން މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ނުކުރައްވާކަމަށާއި އެމްއެމްއޭގެ ޤާނޫނުގައި ސަރީޙަ އިބާރާތުން ބަޔާންކޮށްފައިވާ މައިގަނޑު މަޤުޞަސަތުތައް ހާސިލްކުރުމަށް 17 ނޮވެމްބަރުން ފެށިގެން މިހާތަނަށް ސަރުކާރަށް ލަފާ ދިނުމާއި އެ މަޤުޞަދު ހާސިލްކުރުމަށް އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ