އަތޮޅު ކައުންސިލްގެ އިޚްތިޞާޞް ވަކިކޮށް, މެންޑޭޓް މި ސަރުކާރުން ކަނޑައަޅާނެ: ވަޒީރު އާދަމް ޝަރީފް

އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މި ސަރުކާރުން ކަނޑައަޅުއްވާނެ ކަމަށް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި މަހުގެ 24 އިން ފެށިގެން މިއަދުގެ ނިޔަލަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ "ފަނޯއްލަ" ދަރުބާރުގެ މަހާސިންތާގައި ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
"އަތޮޅު ކައުންސިލްގެ މެންޑޭޓް ވަރުގަދަކޮށް، ބައެއް ކަހަލަ ޚިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ. އޭގެ ތެރޭގައި ވަޞީލަތްތައް ގާއިމްކޮށް އަތޮޅު ކައުންސިލުން، އެ އަތޮޅަކަށް ދެވޭނެ ޚިދުމަތްތައް މެންޑޭޓްގެ ތެރޭގައި ފުރިހަމަކޮށްދިނުން ހިމެނޭ"
ވަޒީރު އާދަމް ޝަރީފް
މީގެ އިތުރުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ލަފައިދެއްވާ ޓީމެއް އަތޮޅު ކައުންސިލްތަކުގައި އެކުލަވައިލައްވައި، ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަތޮޅުތަކަށް ބޭނުންވާ ޕަބްލިކް ވޯކްސްގެ ޚިދުމަތް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކޮންމެ ރަށަކުން ޕަބްލިކް ވޯކުސްގެ ޚިދުމަތް ނުލިބުނު ކަމުގައި ވިޔަސްް މޮބައިލް ޓީމެއް ކޮންމެ އަތޮޅެއްގައި އޮތުމުގެ މުހިންމުކަން ފާހަގަކުރެވޭ. އެހެންވީމާ ކޮންމެ އަތޮޅެއްގައި ވެސް ޕަބްލިކް ވޯކްސްގެ ޔުނިޓެއް އުފައްދައިގެން އެ އަތޮޅެއްގައި އެ ޚިދުމަތް ދެވޭނެ ގޮތް ހެދުމަކީ މިހާރު ވިސްނަމުން އަންނަ ކަމެއް"
ވަޒީރު އާދަމް ޝަރީފް
އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން "ފަނޯއްލަ" ދަރުބާރު ހދ. ހަނިމާދޫގައި ފެށުނީ މި މަހުގެ 24 ވަނަ ދުވަހެވެ. މި ދަރުބާރު މިއަދުގެ ނިޔަލަށް ކުރިއަށް ދާއިރު ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުންނާއި، އަދި ރަށު ކައުންސިލްތަކުގެ ރައީސުންްނާއި ބައެއް ކައުންސިލަރުން މި ދަރުބާރުގައި ބައިވެރިވެލައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ