ހުރިހާ މުވައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ގަވާއިދާހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ: ސައީދު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަދި ގަވާއިދާހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ ކަންކަން ހުރިހާ މުވައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެކަމަށައި އެފަދަ ކަންކަމަކީ ކޮންޓްރޯލް ކުރެވޭނެ ކަންކަން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 
ސަންގުޓީވީގެ ހަބަރަށްފަހު ގައި ސައީދު ވިދާޅުވީ ބިދޭސީން ވިޔަފާރި ކުރާ މައްސަލައަކީ އަބަދުވެސް ރާއްޖޭގައި ވަރަށް ޝަކުވާ ބޮޑު މައްސަލައެއް ކަމަށާއި ވިޔަފާރީގެ ތެރޭގައި އަބަދުވެސް ބިދޭސީން އުޅޭ މައްސަލަ ބޮޑު ކަމަށެވެ. 
އިގްތިސާދީ ވުޒާރާގެ ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފަހެއްއިންސައްތަ ކުރިއަރައިގެންދިޔަ ކަމަށްވިޔަސް މާލީހާލަތު އޮތީ ނުހަނު ނުރައްކައުތެރި ފައްތަރެއްގައި ކަމަށްވުމުން ގިނަ ރިފޯމްތަކެއް ނަގަންޖެހޭ ކަމަށާއި ހާއްސަކޮށް ފިސްކަލް މެނޭޖްމެންޓުގެ ރިފޯމްތަކެއް ގެންނަންޖެހޭކަމަށެވެ، 
ސައީދު ވިދާޅުވީ އޭނާ މީގެ ދެމަހެއްހާ ކުރިން ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ބިދޭސީންގެ ކޯޓާ ދިނުމުގެ މަސައްކަތަކީ ހޯމްލޭންޑް ސެކިއުރިޓީން ކުރިއަށްގެންދާ މަސައްކަތެއްކަން ހަނދާންކޮށްދެއްވަމުން ސައީދު ވިދާޅުވީ ކޯޓާ ދިނުމުގެ މަސައްކަތް ކުރަމުންދާނީ އިކޮނޮމިކް މިނިސްޓްރީ އަކުން ނޫން ކަމަށެވެ. 
ބިދޭސީއެއް ވަގު ވިޔަފާރި ނުވަތަ ހުއްދަނެތި ކޮށްފިނަމަ ހުއްޓުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ބައެއް ހާލަތްތަކުގައި ބިދޭސީއެއް ކުރިއަށްނެރެފައި ދިވެހިން ވެސް ތިއްބަވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ އެފަދަ ތަނެއްގެ ހިންގުމާއި ހަވާލުވެ ހުންނަ މީހައަކީ ދިވެއްސެއްކަން އެނގެނީ މައްސަލައެއް ކޮށްގެން އެ ތަނަކަށް ދިއުމުން ނުވަތަ އިންވެސްޓިގޭޝަންއެއް ކުރުމުން ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަދި ގަވާއިދާހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ ކަންކަން ހުރިހާ މުވައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ