ފަހު ދިހަ ގޭމް ޖެހިޖެހިގެން ގެއްލުނު ދުވަހެއް ހަދާނެއް ނެތް: ސަބަލެންކާ

އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ރޯލަން ގަރޯސް ނުވަތަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްއިން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާ ކަޓައިފިއެވެ.
ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ބެލަރޫސްގެ ސަބަލެންކާ މިމުބާރާތަށް އަލްވަދާއު ކިޔާފައިވަނީ ކްއާޓަރ ފައިނަލްގައި ރަޝިޔާގެ ޑައޭނާ ޝްނައިޑަރ އާއި ބައްދަލުކުރި މެޗުން ހައިރާން ކުރުވަނިވި ގޮތަކަށް ދެ ސެޓް އެއް ސެޓުން ބަލިވުމުންނެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސަބަލެންކާވަނީ އޭނާ މެޗެއްގެ ފަހު ދިހަ ގޭމް ޖެހިޖެހިގެން ގެއްލުނު ދުވަހެއް ހަނދާންވެސް ނެތްކަމަށެވެ. އޭނާ ބުނިގޮތުގައި މިމެޗުގެ ދެވަނަ ސެޓުގެ މެދުތެރެއިން އޭނާ ނަފްސާނީ ބޮޑު އަޑިގަނޑަކަށް ވެއްޓިގެންދިޔަ ފަދަ އިހްސާސް ތަކެއް ކުރެވިގެންދިޔަ ކަމަށާއި އަދި އެކަމުން މިމެޗުގައި އިތުރަށް އަރައިގަނެވޭގޮތް ނުވީކަމަށެވެ. މިމެޗާއި ހަމައަށް ސަބަލެންކާ ވެފައިވީ އަންހެން ސިންގަލްސް އިވެންޓްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައިވި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
ގްރޭން ސްލޭމް މުބާރާތެއް މީގެކުރިން ކާމިޔާބު ކޮށްފައިވާ އެހެން ހުރިހާ ކުޅުންތެރިންވަނީ މީގެކުރިން މިމުބާރާތަށް އަލްވަދާއުކިޔާފައެވެ. އެހެންކަމުން މިމުބާރާތް މިފަހަރު ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ކުޅުންތެރިޔަކީވެސް ސަބަލެންކާއެވެ. ނަމަވެސް މިހާރު މިވަނީ މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގައި ގްރޭން ސްލޭމްގެ ތަށި އާ ކުޅުންތެރިޔަކު އުފުލާލާތަން ފެނިގެންދާނެކަން ޔަގީންވެފައެވެ.
މިމުބާރާތުގައި މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ސީޑް ކުރެވިފައިވާ ކުޅުންތެރިޔަކީ އަންހެން ޑަބަލްސް އިވެންޓްގައި ޝްނައިޑަރގެ ޕާޓްނަރެއްގެ ގޮތުގައި ކުޅެމުންދާ އަށް ވަނައަށް ސީޑު ކުރެވިފައިވާ ރަޝިޔާގެ މީރާ އަންޑްރީވާއެވެ.
މިކާމިޔާބީއާއެކު ޝްނައިޑަރ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީ ފައިނަލްގައި ބައްދަލުކުރާނީ ފްރެންޗް އޯޕަންގައި މުޅިން އަލަށް ވާދަކުރަމުންދާ ޕޯލަންޑްގެ މާޔާ ޗުވަލިންސްކާ އާއެވެ. ކޮލިފައިންގ ކުޅެގެން މިމުބާރާތުން ޖާގަހޯދާފައިވާ ޗުވަލިންސްކާ ސެމީ ފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބާވީސް ވަނައަށް ސީޑު ކުރެވިފައިވާ އަނާ ކަލިންސްކާޔާ އާއި ބައްދަލުކޮށް ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ޗުވަލިންސްކާ ވެފައިވަނީ ކޮލިފައި ކުޅެގެން މުބާރާތުން ޖާގަހޯދާ ފްރެންޗް އޯޕަންގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރި ދެވަނަ ކުޅުންތެރިޔާ އަށެވެ. އަދި މިއީ ގްރޭން ސްލޭމް ހަތަރު މުބާރާތަށް ބަލާލައިރުވެސް މިހާ ހިސާބަށް ދަތުރުކުރި ހަވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ކޮލިފައި ކުޅެގެން ގްރޭން ސްލޭމް މުބާރާތުން ޖާގަހޯދާފައިވާ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިފައިވަނީ 2021 ވަނަ އަހަރުގެ ޔޫ އެސް އޯޕަންގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އެމާ ރަޑުކާނޫއެވެ.
މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އަންޑްރީވާ އާއި ފަނަރަ ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ މާޓާ ކޮސްޓްޔުކް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ