ރާއްޖޭގައި ވަކި ކަނޑައެޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކެއް، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ގަސްތުކުރާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ނިންމުން ތަންފީޒު ކުރާނީ މުޖުތަމަޢާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީ އަދި އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސޯޝަލް މީޑިއާ ކުންފުނިތަކާ އެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތައް އެޅުމުގައި އޮސްޓްރޭލިއާއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބައްލަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުކަމުގައި ވިޔަސް، އަދި ސޯޝަލް މީޑިއާގެ އެޕްތައް ހިންގާ ކުންފުނިތަކަށް މުޢާމަލާތްކުރުމުގެ ކުރަންޖެހޭ ކަންތައްތަކުންވިޔަސް، އޮސްޓްރޭލިޔާގެ މިންގަނޑުތައް ރާއްޖޭގައި ތަޢާރުފު ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް އުންމީދު ކުރައްވައެވެ. އަދި މަސައްކަތްތައް ބާރަށް ކުރިއަށްދާ ނަމަ، މިއަހަރުގެ ތެރޭގައިވެސް މިކަން ޢަމަލީގޮތުން ތަންފީޒު ކުރަން ފެށޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ މިއީ ޑިޖިޓަލައިޒޭޝަނާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށާއި، އަމާޒަކީ އޮންލައިން ގްރޫމިންގ ފަދަ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުން ކަމަށެވެ.
އޮސްޓްރޭލިއާއިން 2024 ވަނަ އަހަރުގެ ފަހުކޮޅު ފާސްކުރި ޤާނޫނުގެ ދަށުން، އިންސްޓަގްރާމް، ޓިކްޓޮކް، ފޭސްބުކް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ވަނީ މަނާކޮށްފައެވެ. މި ޤާނޫނުގެ ދަށުން، ކުދިން އެކައުންޓް ހެދުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކުންފުނިތައް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ. ނަމަވެސް، މެސެޖިން އެޕްތަކާއި ތަޢުލީމީ ހިދުމަތްތައް މި މަނާކުރުމުގެ ތެރެއަކު ނުހިމެނެއެވެ.
ރާއްޖޭގައި ބައެއް ސޯޝަލް މީޑިއާ އެޕްތައް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރާނެކަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ