މަސްތުވާތަކެތީގެ މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 5 ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި 6 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އދ. މަހިބަދޫ، ބ. ދަރަވަންދޫ، ގއ. މާމެންދޫ، ހއ. ހޯރަފުށި އަދި ދ. ކުޑަހުވަދޫގައެވެ.
މީގެ ތެރެއިން އދ. މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ، އެ ރަށުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާރިޗު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ސެލޯފިން ކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއެްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ
ފުލުހުން ބ. ދަރަވަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ބ. އަތޮޅު ރިސޯޓަކުން ދަރަވަންދުއަށް އަންނަ މީހަކު މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މާރިޗު 30 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 3 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ގއ. މާމެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މާރިޗު 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި 38 އަހަރުގެ މީހަކު މާމެންދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއްފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެޕްރީލް 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮަޕަރޭޝަނުގައި 44 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިން ކޮޅު ފެނިފައިވެއެވެ.
ހޯރަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ހޮޅިކޮޅާއި ފައިސާތަކެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 32 އަހަރުގެ މީހާއަށް 5 ދުވަސް ދީފައިވާއިރު، 41 އަހަރުގެ މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ