އިސްތިއުނާފީ ކޯޓުން ފުރިހަމަ ކަމާއެކު މައްސަލަ ކާމިޔާބު ކުރާނަން: ޑރ. ޖަމީލް
ވ. އާރަށު މައްސަލާގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށާއި، އިސްތިއުނާފީ ކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ. އެ މައްސަލައިގައި ހުކުމް އިއްވައި އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ނިންމާލުމަށްފަހު ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރި ތުހުމަތުތަކަށް ބަލާއިރު ޝައްކެއް ނެތް މިންވަރަށް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ އެންމެ ހެއްކެއް ވެސް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި، ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެއްވެސް ވަރަކަށް ބަލައި ނުގަންނަ ކަމަށާއި، އެ ހުކުމަކީ ގާނޫނު އަސާސީ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ އެންމެހާ އުސޫލުތަކާ ޚިލާފަށް ކުރި ހުކުމެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. މިމައްސަލައިގައި ހުކުމް އިއްވި އިސް ގާޒީ އަހުމަދު ޝަކީލް ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހެއްދެވި ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވާއިރު، ނުފޫޒު ފޯރުވި ގޮތެއް ނުވަތަ ނުފޫޒު ފޯރުވުމަށް އިރުޝާދު ދެއްވި ގޮތެއް އިސް ގާޒީ އަށް ބުނެދެވިފައި ނުވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ، މިއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއް ކަމަށާއި، ލަސްނުވެ، ވީހާވެސް އަވަހަށް އިސްތިއުނާފް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މީގެކުރިންވެސް ނުހައްގުން ރައީސް ޔާމީން ޖަލަށް ލާފަ ހުރީ ދެ އަހަރު ދުވަސް. އެކަމުގެ ކޮންމްޕެންސޭޝަން [ގެއްލުމުގެ ބަދަލު] ވެސް އަދި އަދަށް ދާންދެން ވެސް ނުދޭ. އަޅުގަނޑުމެން ހަމަ އެއްވެސް ވަގުތެއް ނަގާ ނުލައި ލަސްކުރުމެއް ނެތި އިސްތިއުނާފުގެ މަސައްކަތް ފަށާނަން. އަތުގައި ރިޕޯޓް ޖެހުމާއެކު ހަމަ. އިސްތިއުނާފީ ކޯޓުން މައްސަލަ ފުރިހަމަ ކަމާއެކު ކާމިޔާބު ކުރާނަން. ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ހުކުމް އިއްވާފައި ވަނީ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ޝަރީއަތް މެދު ކަނޑާލުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ