ގާޒީ އާލީ އާދަމް ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކުރި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އަލީ އާދަމް ފަނޑިޔާރުކަމުން ވަލި ކުރަން ޖޭއެސްސީން ނިންމީ މިދިޔަ ޖުލައި މަހުއެވެ.
އަދި އޭނާގެ މައްސަލަ މިއަަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި އެ މައްސަަލަ އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޖޭއެސްސީން ވިދާޅުވީ، އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން ތަހުގީގު އެ ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ގަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް އަލީ އާދަމް، ދައުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހެޅި ކަމަށެވެ.
އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިއުތިރާފުން ސާބިތު ވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.
އެހެންކަމުން އިސް މެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ވިދާޅުވެފައި ވެއެވެ.
އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ މި އަމަލުތަކަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ، އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ 48 ވަނަ ޖަލްސާގައި ނިންމާފައިއިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ