ފްރެންޗް ލީގު އާންގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި

ފްރެންޗް ލީގު އާންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޕެރިސް ސެއިންޓް ޖާމެއިން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދާފައިވަނީ ހަ މެޗު ބާކީ އޮއްވާ 28 މެޗުން ހޯދި 74 ޕޮއިންޓާއެކުގައެވެ. ޕީއެސްޖީއިން އަމިއްލަ ދަނޑުގައި އޯންޖޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްލައިގެން ވެސް ލީގު ކުރެވެން އޮތް ޕީއެސްޖީއިން އެ މެޗު ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއާއެކު ލީގުގެ ދެވަނައިގައި އުޅޭ އޭއެސް މޮނާކޯއާ ދެމެދުގައި 24 ޕޮއިންޓްގެ ތަފާތެއް އުފެދި އެ ޓީމަށް ޕީއެސްޖީއާ އަރާ ހަމަނުކުރެވޭނެކަންވަނީ ޔަގީންވެފައެވެ. އޯންޖޭއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅު ކޮށްދިން ލަނޑު މެޗުގެ 55ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޑިސާއަ ޑޯއުއެވެ. އަދި މި ސީޒަންގައި ލީން އާންގައި އެ ޓީމު ބާކީ އޮތް ހަ މެޗުން ބަލިނުވެ ފަރުޖައްސައިފިނަމަ އެ ޓީމު ވެގެންދާނީ ފަރަންސޭސިވިލާތުގައި މެޗަކުން ބަލިނުވެ ލީގު ކާމިޔާބު ކުރާ ފުރަތަމަ ޓީމަށެވެ. ލީގު ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހާމަކުރިގޮތުގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުމަކީ އެއްވެސް ކްލަބަކަށް ފަރަންސޭސިވިލާތުގައި ކުރެވިފައިވާ ކަމަކަށް ނުވާތީ އެކަން ކުރުމަށް މުޅި ޓީމުން މަސައްކަތް ކުރުމަށް ބޭނުންވެއެވެ. އަދި އެގޮތަށް ކުރިއަށް ހުރި މެޗުތަކަށް ހާއްސަ އިސްކަމެއް ދީގެން ކުޅުމުގެ ފައިދާ ޗެމްޕިއަންސް ލީގާއި ކޫޕް ޑެ ފްރާންސްގެ ފައިނަލާއި ކުރިމަތިލާއިރު ވެސް ޓީމު ފޯމުގައި އޮތުމަށް އެހީތެރިވެދޭނެ ކަމަށް ބުންޏެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށް އެސްޓަން ވިލާއާއި ޕީއެސްޖީ ކުރިމަތިލުމަށް ހަމަޖެހިފައިވާއިރު ކޫޕް ޑެ ފްރާންސްގެ ފައިނަލްގައި މެއި މަހު ރާންޒް އާއި ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިފަހަރު ލީގު ކާމިޔާބު ކުރުމާއެކު ޕީއެސްޖީ އިން މިވަނީ ވޭތުވެދިޔަ 13 ސީޒަންގެ ތެރޭގައި 11 ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ. އަދި މުޅި ޖުމްލަ ޕީއެސްޖީއިން ވަނީ ފްރެންޗް ލީގު އާންގެ ތަށި 13 ފަހަރު ކާމިޔާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ