ގާސިމް މަރާލި ކަމަށް އަދުހަމް އިއުތިރާފްވެ މައާފަށް އެދިއްޖެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމާ ގުޅިގެން ދައުވާ ލިބޭ އަދުހަމް މުހައްމަދު ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފްވެ ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދިއްޖެ އެވެ.
Advertisement
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.  ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވާތީ އެކަމާ މިހާރު ދެރަވެ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ. ކުރެވުނު ކުށަށް ތައުބާވުމުގެ ގޮތުން ތައުބާގެ ނަމާދުވެސް ކޮށްފައިވާ ކަމަށާއި އޭނާއަށް ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ. އެވަގުތު ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ބައެއް ވާރިސުން ތިއްބެވެ. ގާސިމް މަރާލި ކަމަށް އަދުހަމު މީގެކުރިން ވަނީ ފުލުހުންގެ ތަހުގީގުގައިވެސް އިއުތިރާފްވެފަ އެވެ. އަދި މިއަދު ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުހަމް ކުށަށް އިއުތިރާފް ވެފައި މިވަނީ ދައުލަތާ އެކު އޭނާ އެއްބަސްވުމެއް ހެދުމަށްފަހު އެވެ. އަދުހަމްގެ މައްޗަށް މައްސަލަ ސާބިތުވެއްޖެނަމަ އަދި އޭނާ މެރުމަށް ހުރިހާ ވާރިސުން އެއްބަސްވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް އަދުހަމް މެރުމަށް އެއްވެސް ވާރިސަކު ދެކޮޅު ހަދައިފިނަމަ އޭނާ ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން އަދުހަމްގެ މައްޗަށް އިއްވާނީ 17 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމުގެ ހުކުމެކެވެ.އަދުހަމް ދައުވާ އަށް އިއުތިރާފްވުމުން ހެކިބަސް ނެގުން ކުރިއަށް ގެންދިއުމެއް ނޯންނާނެ އެވެ. އެކަމަކު އަދުހަމާ ދެކޮޅަށް ދައުލަތަށް ލިބިފައިވާ ހެކިތައް ދައުލަތުގެ ވަކީލް ވަނީ ހުށަހަޅާފަ އެވެ. މިމައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ކުށަށް އިއުތިރާފްވުމާ ގުޅިގެން ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ފަސް ދުވަސް ފަހުން މިމައްސަލައިގައި ޝަރީއަތުގެ މަޖިލިސް ބާއްވާ ހުކުމް ކުރާނެ ކަމަށް އިއުލާންކުރެއްވުމަށްފަހު އެވެ. އަދި އެ ދުވަހު ވާރިސުންގެ ބަސް ހޯދާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ