އަލީ ވަހީދުގެ މައްސަލައިގައި ގާސިމް އިބްރާހީމް ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު، އަދި ޖުމުހޫރީ ޕާޓީގެ ރައީސް، އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވެގެން އުޅޭ މައްސަލައިގައި، ކޯލިޝަންގެ ދެވަނަޔަށް އެންމެ ބޮޑު ޕާޓްނަރު ކަމަށްވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފި އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ، ލީކު ވެގެން އުޅޭ އޯޑިއޯތަކުގެ އެންމެ ފުރަތަމަ ބައިތައް ނުުކުތްތާ ދެތިން ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއީ ތެދެއްތޯ ކަށަވަރުކުރުމަށް، ގާސިމް އިބްރާހީމަށް ފޯނުން ގުޅައި ސުވާލު ދެންނެވުމުން އެކަން ދޮގެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކައާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެޔަށް ޖަވާބެއް ނުދެއްވަ އެވެ.
ގާސިމް ވިދާޅުވީ މި މައްސަލައިގައި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތް، އެންމެ ފަހުން އޮތް ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވެސް ކޮންމެވެސް މިންވަރަކަށް ވިދާޅުވެފައި ވާނެ ކަމަށެވެ.
ޖުމުހޫރީ ޕާޓީން އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީގެ ކައުންސިލް މެންބަރަކު ވަނީ އަލީ ވަހީދުގެ އަޑު ކަމަށް ބުނާ އޯޑިއޯ ތަކެއް ލީކު ވެގެން އުޅޭ މައްސަލަ ބަލައި ފިޔަވަޅު އަޅަން ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި، ޕާޓީ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، އެ މައްސަލައިގައި ހިމެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ޕާޓީގެ ރައީސް ކަމަށެވެ. އެހެން ކަމުން އެއީ މަސްލަހަތު ފުށުއަރާ މައްސަލައެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ޒާތުގެ މައްސަލަތައް ބެލޭނެ ގާބިލުކަން ޕާޓީތަކުގައި ނެތް ކަމަށާއި އެކަން އެންމެ ފުރިހަމަޔަށް ބެލޭނީ އެކަމަށް އުފައްދާފައި ހުރި ރަސްމީ މުއައްސަސާތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަށް އެ ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އެ ބައްދަލުވުމުގައި ގާސިމް ފާހަގަކުރެއްވި އެވެ. ޕާޓީން އެކަމުގައި ބަލަން ޖެހޭ އިތުރު ކަމެއް އޮތަނަމަ އެ ކަމަކާ މެދު ގޮތެއް ނިންމަވާނީ ރައީސް އެކަން ބައްލަވައި ގޮތެއް ނިންމެވީމަ އެޔަށް ފަހުގައި ކަމަށް ވެސް ގާސިމް ފާހަގަކުރެއްވި އެވެ.
ގާސިމް "ވަން" އަށް ވިދާޅުވީ މި މައްސަލައިގައި، އަނބިކަނބަލުން އާއިޝަތު ނަހުލާއަށް ފުރިހަމަޔަށް އިތުބާރު ކުރައްވާ ކަމަށާއި މި ކަމަކީ ބަޔަކު އަޑީގައި ތިބެގެން އައިޝާ ބަދުނާމުކޮށް އަގު ވައްޓައިލަން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ، މިއީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެތައް ވަޒީރުންނަކަށް ނިސްބަތްވާ ކަމެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ސީދާ ރައީސް ސޯލިހުގެ ސަރުކާރާ މެދު ވެސް ރައްޔިތުން ދެކޭ ގޮތަށް ނޭދެވޭ އަސަރު ކުރާ މައްސަލައެއް ކަމަށެވެ.
މި ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮތެއް ނިންމަވާ އިރު، އެމަނިކުފާނުގެ ސަރުކާރުގެ ގަދަރާއި ޝަރަފު ހިފެހެއްޓެވުމާއި އެކު ކެބިނެޓު މިނިސްޓަރުންގެ އިއްޒަތުއް ނަފުސު ހިފެހެއްޓެވުމަށް ވެސް އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބައްލަވައި، ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އެ ގޮތުން އަޅުއްވާ ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާގެ ގަދަރާއި ޝަރަފު ހިފެހެއްޓެވުމާއި އެކު ކެބިނެޓު މިނިސްޓަރުންގެ އިއްޒަތުއްނަފުސު ވެސް ހިމާޔަތްކުރައްވައި ރައްކާތެރި ކުރެއްވޭނެ ފިޔަވަޅަކަށް ވާނެ ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ގިނަ އޯޑިއޯތަކެއް ލީކުކޮށްލާފައިވާ އިރު، އެ ވާހަކަތަކަކީ އަލީ ވަހީދު އޭނާގެ އޮފީހުގައި އިންނަވައިގެން ދައްކަވާފައި ހުރި ވާހަކަތަކެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އޭގެ ތެރެއިން ބައެއް އޯޑިއޯތަކުގައި ކެބިނެޓު މިނިސްޓަރުންނާ މެދު ވަރަށް ހުތުރު ބަސް ތަކުން މުހާތަބު ކުރައްވާފައި ވެއެވެ. އެ މިނިސްޓަރުންގެ ތެރޭގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެން ބައެއް އޯޑިއޯތަކުގައި ޖިންސީ ފުރައްސާރަ ކަމަށް މާނަކުރެވޭ ފަދަ އިބާރާތްތައް ވެސް ބޭނުންކުރައްވާފައި ވެއެވެ.
މި އޯޑިއޯތަކުގެ ހަގީގަތް އަލީ ވަހީދު ދޮގުކުރައްވަމުން ގެންދަވާ އިރު، އެންމެ ފަހުން ލީކުވި އެއް އޯޑިއޯއެއްގައި އަލީ ވަހީދާއި މިނިސްޓަރު ނަހުލާ ދައްކަވާ ވާހަކަތަކުގައި، އެއީ ހަދާފައިވާ ފޭކް އޯޑިއޯތަކެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް މިނިސްޓަރު ނަހުލާ ވަނީ ވާހަކަދައްކަވާފައި ވެއެވެ.
މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ބައްލަވައިދެއްވުން އެދި އޭނާ ވަނީ ކުރީން ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މީގެ އެއް އޯޑިއޯއެއްގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ދައްކާފައިވާ ވާހަކަތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިމެނޭތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ރައްޔިތުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފަ އެވެ. އަލީ ވަހީދު ކަމަށް ބެލެވޭ މީހާގެ އޯޑިއޯތަކުގައި ކެބިނެޓު މިނިސްޓަރުންނަށް ވަރަށް ހަޑި ހުތުރުބަހުން މުހާތަބުކުރައްވާފައި ވުމާއި އޭގެން އެއް އޯޑިއޯއެއްގައި ސުޕްރީމް ކޯޓާއި ގުޅުވައިގެން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ވެސް ދައްކަވާ އަޑު އިވޭ އިރު، ޒީރޯ ޓޮލަރެންސްގެ ދަށުން މިކަމުގައި އެއްވެސް ފިޔަވަޅެއް އަދިވެސް އަޅުއްވާފައި ނުވާތީ، ސޯޝިއަލް މީޑިއާގައި ވެސް މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ