ބޯ ވާރެޔާ އެކު އިރުކޮޅެއްގެ ތެރޭ މާލޭގައި ފެންބޮޑުވެއްޖެ

މާލެއަށް މޫސުން ރީތިކޮށް އޮތުމަށް ފަހު މިއަދު އިރު އޮއްސުނު ވަގުތު ވެހެން ފެށި ބޯ ވާރެޔާ އެކު މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ. ވާރޭ ވެހުމުން އާންމުކޮށް ފެން ބޮޑުވާ މަގުތަކުގެ އިތުރުން، މަޖީދީ މަގުގައި އަލަށް ހެދި ހިސާބުތަކުގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ.
އިރު އޮއްސެން ގާތް ވެފައި ވަނިކޮށް ވެހެން ފެށި ވާރެޔާ އެކު، ގަޑިއެއްހާއިރު ތެރޭ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. މާފަންނުން، އައިޖީއެމްއެޗް ކައިރީގަ އާއި އަމީނީ މަގު އަދި މަޖީދީ މަގުގެ އެކި ހިސާބުތަކުގައި ވެސް ވަނީ ފެން ބޮޑުވެ ދަތިތަކާ ކުރިމަތިވެފަ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މަޖީދީމަގު ހަދަމުން އަންނަނީ، މިހާރު ހުރި ގާތަށް ނަގައި، ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. އެހެންވެ، މި މަސައްކަތް ނިމުމުން، ފެން ބޮޑުވުމުގެ މައްސަލައަށް އެދެވޭ ހައްލެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޫނު މޫސުމަށް ފަހު އައި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. އެކަމަކު އެހެން އަތޮޅުތަކަށް ވެސް އާދައިގެ ވަރަކަށް ވާރޭ ވެހޭނެ ކަމަށް އެތަނުން ބުންޏެވެ.
މާލެއަށް މިއަދު ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައި
އެ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ
ހޫނު ގަދަ ދުވަސްތަކަށް ފަހު މިހާރު ކުރިމަތިލާފައި މިވަނީ، ރާއްޖޭގެ ނަކަތްތަކުން އެނގޭ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރައާ އެވެ. ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތް ކަމުގައިވާ ކެތި މިހާރު ފެށިފައިވާ އިރު މިއީ ވިލާ ބޯ އަދި ދޭތެރެ ދޭތެރެ އިން ގަދަ އަށް ވިއްސާރަކުރާ ނަކަތެކެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މިހާރު ކުރާ ވިއްސާރައިގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެކަމަކު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެތަނުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ