ޖަސްޓިސް ބިލްޑިންގު ކައިރީގައި މިދިޔަ އަހަރު ހިނގި އެކްސިޑެންޓުގައި އައްޑޫ ސިޓީ ހިތަދޫ ރަތްފުސްގެ އަބްދުﷲ ގާސިމް މަރުވެފައިވަނީ ކުއްލިއަކަށް ފުލުހެއް މަގުމަށްޗަށް ނިކުމެ އޭނާގެ ގައިގާ ވަރަށް ބާރަށް މުގުރުން ޖެހުމުން ސައިކަލް ކޮންޓްރޯލުން ނެއްޓުމުންގެ ސަބަބުން ކަމަށް ދައުލަތުން އެމައްސަލާގައި ދައުވާކުރާ ގއ.ގެމަނަފުށި، ނޫރުއްސަބާހް އަހުމަދު ނާދީ ސަލީމު ބުނެފިއެވެ.
ކްރިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ ނާދީ އާއި އިތުރު މީހަކާއެކު 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ސައިކަލުގައި ބާރު ސްޕޭޑުގައި ދުއްވާފައި ދަނިކޮށް އޯކިޑު މަގުން ސަލްސާ ކައިރިން ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދިއުމުގެ ސަބަބުން ޖަސްޓިސް ބިލްޑިންގއާ ހަމައިން އެކްސިޑެންޓްވެ ޖަސްޓިސް ބިލްޑިންގ ޕޭމަންޓް ކައިރީ ސައިކަލްގައި މަޑުކޮށްލައިގެން އިން ގާސިމް މަރުވެފައިވާތީ އެމައްސަލާގައި ދައުލަތުން ނާދީގެ މައްޗަށް ކުރާ ގާސިމްގެ މަރުގެ ދިޔައިގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވި ކުށުގެ ދައުވާ އާއި އެކްސިޑެންޓްގައި ގެއްލުން ލިބުނު ސައިކަލް މަރާމާތު ކުރުމަށް ދާ ހަރަދު ހޯދުމަށް ކުރާ ދައުވާކުރާ ކަމަށެވެ.
ދައުލަތުގެ އެ ދައުވާއާ ގުޅިގެން ނާދީ ބުނީ އެމައްސަލާގައި މިހާރުވެސް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާއެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދާކަމަށާއި އެއީ އަމުރަށް ނުކިޔަމަންތެރިވި ކުށުގެ ދައުވާއާއި ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާކަމަށާއި ވައްކަމާ ފޭރުމުގެ ކުށް ސާބިތުވެގެން ހުކުމް ކޮށްފައިވާ ކަމަށެވެ.
އިތުރަށް ނާދީ ބުނީ އެކްސިޓެންޓްގައި ގެއްލުންވި ސައިކަލަށް ގެއްލުންވެފައިވަނީ އޭނާގެ އިހުމާލުން ކަމަށްވާ ނަމަ އެކަމަށް ޒިންމާވާ ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓް ހިނގީ ކުއްލިއަކަށް ފުލުހަކު ކުރިމަށްޗަށް އަރައި ވަރަށް ބާރަށް ފުލުސް މީހާގެ އަތުގައި އޮތް މުގުރުބުރިން އޭނާގެ ގައިގާ ޖެހުމުގެ ސަބަބުން ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ގާސިމް އިން ސައިކަލަށް އެރީ ކަމަށާއި ފުލުސް މީހާ އެގޮތަށް ކަންތައް ނުކުރިނަމަ އެ އެކްސިޑެންޓް ނުވާނެ ކަމަށް ވެސް ނާދީ ބުންޏެވެ.
ފުލުސް މީހާ އޭނާގެ ގައިގާ މުގުރުބުރިން ޖެހުމުގެ ސަބަބުންނާއި އެކްސިޑެންޓްގެ ސަބަބުން ވަގުތުން ހޭނެތުނު ކަމަށާއި ހޭ އެރިއިރު އޮތީ ހޮސްޕިޓަލުގައި ކަމަށާއި އެ އެކްސިޑެޓްގައި އެނާގެ ދަތްޕިލައަށް ވަރަށް ބޮޑަށް ގެއްލުންވެ ގިނަ ދަތްތަކެއް ހަލާކުވެ، ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށްވެސް ނާދީ މިއަދު ކޯޓުގައި ބުނެފައިވެއެވެ.
އެ އެކްސިޑެންޓާއި ގުޅިގެން ނާދީގެ މައްޗަށް އުފުލާފައިވާ ސައިކަލެއް ވަގަށް ނެގި ދައުވާއަށް އޭނާ ޝަރީއަތުގައި އިއުތިރާފްވެފައިވާތީ އެއް އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް ކޮށްފައިވާއިރު ބަންގްލަދޭޝް މީހެއްގެ ފޯނެއް ވަގަށް ނެގުމުގެ މައްސަލައާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލާގެ ދައުވާ އާ ގުޅިގެން ޝަރީއަތަށް ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ކުށް ސާބިތުވެގެން ނާދީ ވަނީ 18 މަސް ދުވަހުގެ ޖަލަށް ހުކުމްކޮށްފައެވެ. އެއީ ވައްކަމުގެ މައްސަލާގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުކަމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލާގައި ހަމަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން އެ މައްސަލާގައި ނާދީ ވަނީ 12000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ގާސިމް މަރުވެފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް ދައުވާ ލިބޭ މީހާ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ