2018 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ބަޖެޓާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ."އޮފިޝަލް ވިދާޅުވީ ގާނޫނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ބަޖެޓް ވަނީ މަޖިލީހަށް ހުށަހަޅާފައިވާކަމަށާއި، ބަޖެޓްގެ ބަޖެޓާ ބެހޭ ތަފްސީލް ދެއްވާނީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުންކަމަށެވެ.ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ބަޖެޓަކީ މި އަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިދިޔަ މަހު މަޖިލީހުން ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.2017 ވަނަ އަހަރު ނިމެން ގާތްގަނޑަކަށް ދެ މަސްދުވަހަށް ވެފައިވާއިރު މިހާތަނަށް ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ