މެލޭޝިއާ ދެކޮޅު ޓިކެޓު ލިބުނީ އަބްދުﷲ އަށް

“ޔޫތު ފޯ ދަ ނޭޝަން” ނުވަތަ “ގައުމަށްޓަކައި ޒުވާނުން” މި ނަމުގައި ޒުވާނުންތަކެއް އިސް ނަގައިގެން ރޭ ހުޅުމާލޭގައި ބޭއްވި ފޯރިގަދަ ޝޯގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކާއިއެކު ކުރިއަށް ދިޔަ ފޯރިގަދަ ޝޯގައި ގުރުއަތުން ހޮވުނު އަބްދުﷲ މުހައްމަދަށް ލިބިފައިވަނީ ދެމީހަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓެވެ.
މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ޝޯ ކުރިއަށް ދިޔައިރު ކާބޯތަކެތި ވިއްކާ ސްޓޯލްތަކުން ކާބޯތަކެތި ގަންނަ ކޮންމެ ފަރާތަކަށެވެ. އެގޮތުން 15 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބުނެވެ.
މަޝްހޫރު ބޮޑުބެރު ދެގްރޫޕް ކަމަށްވާ “ދަންމާނު” ބޮޑުބެރު ގްރޫޕާއި ބިދަބިން ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެ އެވެ. އަދި ޑީއެކްސްޑީ އާއި ހުޅުމާލޭގައި ދިރިއުޅޭ ދިވެހި އަންހެން ކުއްޖެއްގެ ފަރާތުން ވެސް ފަރި ހަރަކާތްތަކެއް ފެނިގެން ގޮސްފައިވެ އެވެ.
އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވުމަށްފަހު މިހާރު ސިޔާސީ ދާއިރާގައި އުޅުއްވަމުން ގެންދަވާ  ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަލީ ޝާހިދު (ސްޓެޕް) ގެ ފަރި ހަރަކާތްތަކެއް ރޭގެ ޝޯއިން ވެސް ފެނިގެން ގޮސްފައިވެ އެވެ.
ޒުވާނުންތަކެއް އިސް ނަގައިގެން ބޭއްވި މި ޝޯއަށް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވެ އެވެ.
މި އިވެންޓު އިންތިޒާމު ކުރި ފަރާތުން ހާމަކުރި ގޮތުގައި މި އިވެންޓު ބޭއްވުމުގެ މަގުސަދަކީ ވީހާ ވެސް ގިނަ ޒުވާނުންތަކެއް އެއްތަނަކަށް އެއްވެ ޒުވާނުންގެ ބޭނުންތަކާއި ޒުވާނުންގެ ހުރި މައްސަލަތައް އަޑު އަހައި އެމައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމެވެ.
ޔޫތު ފޯ ދި ނޭޝަންގެ ޝޯއެއް މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ވެސް ބޭއްވި އެވެ.
އެގޮތުން ގުރުއަތުން ހޮވިގެން އެއްވަނައަށް ދިޔަ މުހައްމަދު ސާމީއަށް ލިބިފައިވަނީ ޔަމަހާ ބްރޭންޑުގެ ފީނޯ ސައިކަލެކެވެ.  ދެވަނައަށް ގުރުއަތުން ހޮވުނު މުހައްމަދު ޝަކީލަށް ލިބިފައިވަނީ ދެމީހަކަށް ރާއްޖޭގެ ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތެވެ. ތިން ވަނައަށް ގުރުއަތުން ހޮވުނު ޝަކީލާއަށް ލިބިފައިވަނީ ދެމީހަކަށް ލަންކާ ދެކޮޅު ޓިކެޓެވެ.
މިދެޝޯ އިންތިޒާމު ކުރި ފަރާތުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ޝޯތަކެއް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ