މިލްކްވެރިކަމުގެ މައްސަލަތަކެއް ނިކުމެފައިވާ "ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފު އަމުރެއް ކަމަށްވާތީ އެ އަމުުރު އިސްތިއުނާފް ކުރާނެ ކަމަށް ބަންޑާރަނައިބް އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބް އޮފީހުން މިހެން ބުނީ މިރޭ ނެރޭ ނެރުނު ތިން ސޮފްހާގެ ބަޔާނެއްގަ އެވެ.
ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންނަށް ކުރިއަށް އޮތް ދެ އަހަރު ވަންދެން ހަވީރު ނޫން އިތުރު މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރާ ކަމަށް ބުނެ ހަވީރުގެ މެޖޯރިޓީ ހިއްސާދާރުން ޝަކުވާ ހުށަހަޅާނަމަ ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެމައްސަލައެއް ބަލައި ފިޔަވަޅު އަޅައިދިނުމަށްވެސް ކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.
މިއަމުރާ ގުޅިގެން ބަންޑާރަނައިބް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމީ ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށް އަމުުރުގައި ހިމަނާފައިވާ ބައިތައް ކަމަށެވެ.
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުންނަށް އަމާޒުވާ ގޮތަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ބަންޑާރަނައިބްގެ އޮފީހުން ނިންމާފައިވަނީ ހަވީރުގައި ކުރިން މަސައްކަތްކޮށްފައިވާ މުވައްޒަފުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށެވެ.
ސވިލް ކޯޓުގެ އަމުރާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ފާހަގަކުރާ މައިގަނޑު މައްސަލަތައް:
* ނޫސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ އެއްވެސް ބާރެއް ހޯމް މިނިސްޓްރީއާއި ސަރުކާރުގެ އެއްވެސް އިދާރާއަކަށް ލިބިފައި ނެތުން.
* މިހާރުގެ ގާނޫނުތަކަށް ރިއާޔަތްކުރާއިރު ސިވިލް ކޯޓުގެ ހުކުމަކީ ތަންފީޒުކުރެވޭނެ އަމުރަކަށް ނުވުމާއި ސުޕްރީމް ކޯޓުގެ ރޫލިންއަކާ ހިލާފު އަމުރަކަށްވުން.
* ވަޒީފާ އަދާކުރާ މީހެއްގެ ހައްގު ހިފެހެއްޓޭނެ ދެ ހާލަތެއް އޮއްވާ އެ ނޫން ގޮތަކަށް ވަޒީފާ އަދާކުރުމުގެ ހައްގު ހިފެހެއްޓުމަށް ނެރެފައިވާ އަމުރު ގާނޫނުއަސާސީއާ ހިލާފު ބާތިލް އަމުރަކަށް ވުން.
* ހަވީރުގެ މައްސަލަ ކޯޓަށް ހުށަހަޅައި މީގެ ކުރިން ކޯޓުތަކުން މިމައްސަލާގައި ނިންމާފައިވާ ގަޒިއްޔާތަކުގައިވެސް ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމާފައި ނުވުމާއި އެގޮތަށް އެދިފައިވެސް ނުވާތީ ސިވިލް ކޯޓުގެ އަމުރު ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފް ނިންމުމަކަށް ވުން.
* ހަވީރުގެ ކުރީގެ މުވައްޒަފުންގެ އަސާސީ ހައްގެއް ހިފެހެއްޓިގެންދާ ގޮތަށް ސިވިލް ކޯޓުން އަމުރެއް ނެރުނުއިރު އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާފައި ނުވުން.
* ސިވިލް ކޯޓުގެ އަމުރުގައި މިބައި ރައްދުވާ ފަރާތްތަކުގެ ތެރޭގައި ފެބްރުއަރީ 3، 2016އިން ފެށިގެން ހަވީރުގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުން ހިމެނޭއިރު އެކި މުއްދަތުގައި އެކި ހައިސިއްޔަތުން އެކި ފެންވަރުގެ އަދި އެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ވެސް ހިމެނޭއިރު އެކަހަލަ އެއްވެސް ކަމަކަށް ބެލުމެއް ނެތި ސިވިލް ކޯޓުން އަމުރު ނެރުން ހިމެނެ އެވެ.
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުންނަށް ކުރީ ގާނޫނާ ހިިލާފު އަމުރެއް، އިސްތިއުނާފް ކުރާނަން: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ