ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުގެ މައި ކުންފުނި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީއާއެކު ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓް ބާތިލް ކޮށްފައިވަނީ އެ އެގްރީމަންޓްގެ އެއްވެސް މާއްދާއަކާއި ހަވާލާ ނުދީ ކަމަށް ދައުލަތުން ހައިކޯޓުގައި އިއުތިރާފް ވެއްޖެ އެވެ.
ތ. އެލާއާ ގުޅިގެން ވިލާ ކުންފުންޏާއެކު ހަދާފައިވާ އެގްރީމަންޓް ޓޫރިޒަމް މިނިސްޓްރީން ބާތިލް ކުރުމާއި ގުޅިގެން ވިލާ ޝިޕިންގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އިއްޔެގެ އަޑުއެހުމުގައި ހައިކޯޓުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ފައިނާ ފައްޔާޒު ވިދާޅުވީ ވިލާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވަނީ އެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ހަވާލާ ދިނުމެއްނެތި ކަމަށެވެ. އަދި އެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ވިލާ ޝިޕިންގެ ފަރާތުން ހިލާފްވެފައި ނުވާ ކަމަށް ގަބޫލު ކުރައްވާ ކަމުގައިވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ދައުލަތުން ވިލާ އާއެކު އެގްރީމަންޓްތައް ހެދީ ހެޔޮ ނިޔަތެެއްގައި ކަމަށާއި އެ ނިޔަތް މިހާރު ނެތުމާއެކު އެ އެގްރީމަންޓް ދެމި އޮތުމުގެ އެއްވެސް މަގުސަދެއް އޮތް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.
މީގެ އިތުރުން އެލާގެ އެގްރީމަންޓަކީ ސްޕްރީމް ކޯޓުގެ ހުކުމަކާއި ގުޅިގެން އެލާއާ ހަވާލުވެފައިވާ ކުންފުނީގެ އަލީ އިބްރާހިމްއާއި އޭނާއާއި ގުޅުންހުރި ފަރާތްތަކާއި އެކު ހަދަން ޖެހުނު އެއްބަސްވުންތަކުގެ ތެރެއިން ހެދުނު އެގްރީމަންޓެއް ކަމަށާއި، އެ އެގްރީމަންޓްތައް ހެދީ ދައުލަތާއި ދެކޮޅަށް އުފުލާފައިވާ އެފަދަ ހުރިހާ ދައުވާތަކެއް ކޯޓުތަކުން ނެގުމަށާއި، އެ ފަދަ އިތުރު ދައުވާތަށް ނުކުރުމަށް ޝަރުތުކޮށް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން އެ ޝަރުތުތަކާއި ހިލާފުވެފައިވާ ކަމަށާއި އަދި އެއްބަސްވުން ހެދި ހެޔޮ ނިޔަތާއި ހާލަތު މިހާރު ނެތުމުން ސެޓްލްމަންޓް އެގްރީމަންޓްތައް މިހާރު ބާތިލްވެގެން ގޮސްފައިވާ ކަމަށް ދައުލަތުން ދެކޭ ކަމުގައިވެސް ވަކީލު ވިދާޅުވި އެވެ.
ވިލާގެ ވަކީލުން ވިދާޅުވީ މި މައްސަލާގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށާއި، ވިލާއާއެކު ހަދާފައިވާ އެގްރީމަންޓަކީ ދައުލަތުން އެދިގެން ހެދި އެގްރީމަންޓެއް ކަމަށެވެ. އަދި މި ފަދަ އެގްރީމަންޓްތަކެއް އިތުރު ދެ ކުންފުންޏާކާއެކުވެސް ހަދާފައިވާ ކަމަށާއި، އެ ފަރާތްތަކަކީ އަލީ އިބްރާހިމާއި ގުޅުން އޮންނަ ފަރާތްތަކެއް ނޫން ކަމަށްވެސް ވިލާގެ ވަކީލުން ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލިސް އިއްޔެ ނިންމާލީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އިތުރު ކަމެއް ސާފްކޮށްލަން ބޭނުން ނުވާނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށް އިއުލާންކުރުމަށްފަހު އެވެ.
އެލާގެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ވިލާ އިން ހިލާފުވެފައި ނުވާ ކަމަށް ދައުލަތުން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ