އެމްޑީޕީން ރޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މިލަންދޫ ދާއިރާގެ އަލީ ރިޒާ، ދޫކޮށްލާފައިވާ ކަމުގެ ލިޔުން ފުލުހުންގެ ފަރާތުން ލިބެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ ބައެއް މެމްބަރުން ނިޒާމީ މައްސަލަތައް ނަންގަވައި ވިދާޅުވީ ފުލުހުން އަލީ ރިޒާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ މިނިވަން ނުކުރަނީސް މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޖަވާބުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަލީ ރިޒާ، ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަން ޕޮލިސް ކޮމިޝަނަރު ރޭގައި އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އެކަން މަޖިލީހުގެ ރައީސަށް އެންގެވި ކަމުގައި ވިޔަސް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ވެސް އަދި އަލީ ރިޒާގެ އާއިލާ އަށް ވެސް އެކަން ނޭނގޭ ކަމަށެވެ. ފުލުހުން، މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެންބަރުން ވަގަށް ނަގައި ގާނޫނާ ޚިލާފަށް ބަންދުކުރަނީ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ވިދާޅުވީ މިއީ ހަމައެކަނި ރޭގެ މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީގެ މުޒާހަރާތަކުގައި ފުލުހުން ކޮންމެ ރެއަކު ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ހައްޔަރުކުރާ ކަމަށެވެ. ނަމަވެސް މި ކަމާ މަޖިލީހުގެ ރައީސް އެއްގޮތަކަށް ވެސް އަޅާނުލައްވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެ ގޮތަށް ކަންތައްދާ އިރު، މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އަލީ ވަހީދާއި އީވާ ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވިޔަސް މެމްބަރުންގެ ކަންކަމުގައި ހުރިހާ ޕާޓީތަކުގެ މެމްބަރުން ވެސް ތިއްބަވާނީ އެއް ގަލެއްގައި ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރަންވާނީ މަޖިލީހުގެ ރައީސަށް އެކަން އެންގުމަށް ފަހުގައި ކަމަށާއި އެ މެމްބަރަކު ދޫކޮށްލާ އިރު އެކަން ވެސް ލިޔުމަކުން މަޖިލީހަށް އަންގަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ފުލުހުން އަލީ ރިޒާ ހައްޔަރުކުރީ މަޖިލީހުގެ ރައީސަށް އަންގަވައިފައެއް ނޫނެވެ. އަދި އެކަން ޝާހިދަށް އެނގިވަޑައިގަތީ، އަލީ ރިޒާ ފުލުހުންގެ އިދާރާގައި އިންނަވާފައި އެކަން އެންގެވުމުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އަލީ ރިޒާ ދޫކޮށްލެއްވި ކަން ކޮމިޝަނަރު ރިޔާޒް އެންގެވީ ފޯނުގެ ޒަރީޢާ އިން ރޭގެ ތިނެއް ޖަހާކަށްހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުން އެފާހަގަކުރެއްވި ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެ، އަލީ ރިޒާ ދޫކޮށްލެއްވި ކަމުގެ ލިޔުން ލިބެންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށް ރިއާސަތުން އިއުލާންކުރެއްވި އެވެ.
މިލަންދޫ ދާއިރާގެ އަލީ ރިޒާ ދޫކޮށްލި ކަމުގެ ލިޔުން ލިބެންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ