އުމަރު ވަކިކުރި މައްސަލަ ވެސް ކޯޓަށް ހުށަހަޅަނީ

ޕީޕީއެމްގެ ޕްރައިމަރީގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް އާންމު މެންބަރަކު ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް އުމަރު ނަސީރު އެ ޕާޓީން ވަކިކޮށްފައިވާތީ އެ މައްސަލަ މާދަމާ ކޯޓަށް ވައްދާނެ ކަމަށް އުމަރުގެ ސަޕޯޓަރުން ބުނެފި އެވެ.ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރުގެ ކެމްޕެއިން މެނޭޖަރު އަހުމަދު ސަލީމް (މާޒް) ވިދާޅުވީ އުމަރު ޕާޓީން ވަކިކުރިކަން މިއަދު އަންގާފައިވާ ކަމަށާއި އެކަން އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ލިޔުމުގައި އަންގާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީން ވަކިކުރުމަށް ފަހު އެ މީހަކީ ޕާޓީގެ މެންބަރަކަށް ނުވާތީ އިސްތިއުނާފްކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ކައުންސިލުން އެ ގޮތަށް އަމަލުކޮށްފައިވަނީ ވެސް އެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ."އާންމު މެންބަރަކު އެބަ އޮތް ޕީޕީއެމްގެ ޕްރައިމަރީގައި ބޮޑެތި މަކަރުތައް ހަދާފައިވާ ކަމަށް ބުނެ ކޯޓަށް މައްސަލަ ވައްދާފައި. އެ މައްސަލަ އޭނާ ކޮޅަށް ނިމިއްޖެ ނަމަ ޕްރައިމަރީ އަލުންޖެހޭނީ ބާއްވަން. ނަމަވެސް ޕްރައިމަރީގައި އުމަރު ވާދަކުރުމަށް ފުރުސަތު ނުލިބޭނެ ވަކިކުރުމުން. އޭގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ،" ސަލީމް ވިދާޅުވި އެވެ.ކައުންސިލުން އުމަރު ވަކިކޮށްފައި ވަނީ ދެ ވަނަ ފަހަރަށް ޕްރައިމަރީގައި އުމަރަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ."މިއުޅެނީ އެމްޑީޕީގެ އަށް ހާހެއްހާ މެންބަރުން ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ދީގެން. ދަފްތަރުގައި ބާވީސް ހާސް މީހުން ތިބި އިރު ވޯޓުލުމުގެ ފުރުސަތު އެއް ތިރީސް ހާސް މީހުންނަށް ދިނުމަކީ ވެސް އަސާސީ ގަވައިދާ މުޅިން ހިލާފަށް ކޮށްފައިވާ ކަމެއް. އެފަދަ މައްސަލައެއް ކޯޓުގައި އޮއްވައި އުމަރު ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.ޑީއާރުޕީން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިވެވަޑައިގެން ޕީޕީއެމް އުފެއްދުމަށް ކުރެއްވި މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އުމަރު ޕީޕީއެމުން ވަކިކުރުމާ ގުޅިގެން ބަޔަކު މިއަދު ވަނީ އެ ޕާޓީގެ އޮފީސް ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ. ސަލީމް ވިދާޅުވީ ނުރުހުން ފާޅުކުރީ އުމަރުގެ ސަޕޯޓަރުން ނޫން ކަމަށާއި އެއީ ޕީޕީއެމްގެ މެންބަރުން ކަމަށެވެ."މި ނިންމުމުގެ ސަބަބުން ޕާޓީ އަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ،" ސަލީމް ވިދާޅުވި އެވެ.އުމަރު ޕާޓީން ވަކިކޮށްފައި މި ވަނީ ޕްރައިމަރީގައި އޭނާގެ މައްޗަށް ކާމިޔާބު ހޯއްދަވައި ރިއާސީ ޓިކެޓް ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން އެކަންކަން އިސްލާހުކުރުމަށް ކައުންސިލުން އުމަރަށް ދިން ފުރުސަތުގައި އޭނާ އެކަންކަން އިސްލާހުނުކުރުމުންނެވެ.ޕީއޭގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ މައްސަލަ ކުރިމަތިވެގެން އުޅެނީ ޕީއޭގެ ކޮރަޕްޓް މެންބަރުންތަކެއް ޕީޕީއެމްގެ މައްޗަށް އަތްގަދަކުރަން މަސައްކަތްކުރާތީ ކަމަށާއި އެ މީހުންގެ ރޭވުމަކީ ޕީޕީއެމް ރޫޅާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ