ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ރިޔާޒު ފުލުހަށް ހާޒިރުކޮށް ފުލުހުންގެ އިދާރާގައި 3 ގަޑިއިރާއި 30 މިނެޓް ހޭދަކުރައްވާފައި ވެއެވެ.
އަބްދުﷲ ރިޔާޒު މިފަހަރުވެސް ފުލުހަށް ހާޒިރުކުރީ ކުރިންވެސް އެމަނިކުފާނު ފުލުހަށް ހާޒިރުކުރި މައްސަލައާއި ގުޅިގެން ކަމަށް ވެއެވެ.
އަބްދުﷲ ރިޔާޒު ފުލުހަށް ހާޒިރުކުރީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި "ދިވެހިރާއްޖެ މާފިޔާ ގޭންގަކަށް ވުމަށް ޤަބޫލު ނުކުރައްވާ ކަމާއި، އަދި ފުލުހުންވެސް އެކަން ބޭނުން ނުވާނެ ކަމަށް" ވިދާޅުވެ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
ރިޔާޒު ވިދާޅުވީ ސިޔާސީ ފޯރަމްތަކުގައި އެގޮތަށް ދައްކާ ވާހަކައަކާއި ގުޅިގެން ސުވާލުކުރަން ޖެހޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފުލުހުންނަށް ދެންނެވި ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން އެ މުއައްސަސާގެ ޤާނޫނާއި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ކުރުމަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
އަބުދުﷲ ރިޔާޒު ވިދާޅުވީ މުއައްސަސާތަކަށް ގެންގޮސް ސުވާލުކޮށް ބިރުދެއްކި ނަމަވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ މައިގަނޑު މަޤްސަދަކީ ގިނަ ޕާޓީތަކުން އެއްމޭޒުދޮށަށް އެއްވެ، ކުރަމުންދާ މަސައްކަތް ހުއްޓުވާލުމަށް ކަމަށާއި، އެކަމަކު އެމަސައްކަތްވެސް ހުއްޓާނުލައްވާނެ ކަމަށެވެ.
ރައްޔިތުންގެ ހައްގުގައި ފަށާފައިވާ މަސައްކަތަކީ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމަށާއި، އެކަމުގައި އެއްވެސް ލީޑަރަކު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ