ޤާނޫނާ ޚިލާފް ކަންކަން ވަރަށް އަވަހަށް ހުއްޓުވޭނެ - އަބްދުﷲ ޝާހިދު

ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ގާނޫނާ ޚިލާފު ކަންކަން ކުރުވުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ޚިދުމަތްތަކުން ހުރަސް އަޅަމުން ދަނިކޮށް ގަދަކަމުން އިދިކޮޅު މެންބަރުން މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި ޝާހިދު މިރޭ ފުލުހަށް ހާޒިރު ކުރުމުން ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީމުއައްސަސާތަކުގެ މީހުން ލައްވައި، ގާނޫނާ ޚިލާފަށް ކަންކަން ކުރުވޭނީ ވަކި މިންވަރަކަށް ކަމަށެވެ.
ގާނޫނާ ޚިލާފު ކަންކަން މުއައްސަސާތަކުގެ މީހުން ލައްވައި ކުރުވުން ނިމުމަކަށް އަންނާނެ ކަމަށާއި އެ މަންޒަރު މިހާރު ފެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ސިފައިންގެ އެހީއާއެކު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ބާއްވާފައިވާތީ، ޝާހިދު ވިދާޅުވީ އެކަމުން ދޭހަވަނީ ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމަ އިއުލާން ކޮށްގެން ކަމަށެވެ. މައްސަލަތަކަށް ހައްލު ހޯދަން ބޭނުން ނަމަ ރައީސް އަބްދުﷲ ޔާމީނަށް އޮންނާނެ ގޮތަކީ އިދިކޮޅު ލީޑަރުންނާ އެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށާއި މިވަގުތު އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށެވެ.
ޝާހިދުގެ އިތުރުން އިދިކޮޅު އެހެން ތިން މެންބަރަކު ވެސް މަޖިލިހުގެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލާގައި މީގެ ކުރިން ފުލުހަށް ހާޒިރު ކޮށްފައިވާއިރު، އިތުރު ފަސް މެންބަރަކު މާދަމާ ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
އެ މެންބަރުން ވެސް ހާޒިރުކުރަނީ ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ފުލުހުން ސަފެއް ފަޅާލި ކަމުގެ ތުހުުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ