ޕާކިސްތާނުގެ އިންތިޚާބު ބޮއިކަޓް ކުރުމަށް މުޝައްރަފްގެ ޕާޓީން ނިންމައިފި

އިސްލާމް އާބާދު (މޭ 4): މިމަހުގެ 11 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިނުވެ އެއިންތިޚާބު ބޮއިކަޓް ކުރުމަށް ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފްގެ "އޯލް ޕާކިސްތާން މުސްލިމް ލީގް" ޕާޓީން ނިންމައިފި އެވެ.
މުޝައްރަފްގެ މުސްލިމް ލީގް ޕާޓީގެ ތަރްޖަމާނެއް ކަމަށްވާ މުޙައްމަދު އަމްޖަދު ވިދާޅުވީ މިނިންމުން ނިންމީ ޕާކިސްތާނުގެ އެއްވެސް އިންތިޚާބެއްގައި ޖެނެރަލް މުޝައްރަފަށް ބައިވެރިނުވެވޭ ގޮތަށް ކޯޓުން ކޮށްފައިވާ ޙުކުމަށް އިޙްތިޖާޖް ކުރުމުގެ ގޮތުންނެވެ. ކޯޓުގެ މިޙުކުމްގެ އިތުރުން ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ އިދާރާ އިން ވެސް ވަނީ މިމަހުގެ 11ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމަށް މުޝައްރަފް ހުށަހެޅުއްވި ފޯމްތައް ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ.
މުޝައްރަފް ވަރަށް އުންމީދާ އެކު މިދިޔަ މާޗް މަހު ޕާކިސްތާނަށް ވަޑައިގެންނެވީ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިވެވަޑައިގެން ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވިދާނެ ކަމުގެ އުންމީދުތަކާއެކުގަ އެވެ. ޕާކިސްތާނުގެ މެދުފަންތީގެ ފަންނީ ތައުލީމުގެ ޒުވާނުންގެ މެދުގައި މުޝައްރަފަށް ބޮޑު ތާއީދެއް އޮންނަ ކަމަށްވެ އެވެ. އެހެން ކަމުން އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމުގެ ފުރްސަތު ލިބިވަޑައިގަތް ނަމަ އޭނާ ކުރިމަތި ލައްވަން ގަސްދުކުރައްވާފައިވާ ހަތަރު ދާއިރާގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ގޮނޑިއެއް ކާމިޔާބު ކުރުމުގެ ފުރްސަތު މުޝައްރަފަށް ވަރަށް ބޮޑުކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.
މުޝައްރަފް ވިދާޅުވެފައިވާ ގޮތުން ގައުމުން ބޭރުގައި އަރާމު ދިރިއުޅުއްވުމެއް އުޅުއްވުމުގެ ފުރްސަތު އޮއްވައި ވެސް އެކަން ދޫކުރައްވައި މުސްކުޅި އުމުރުގައި އެނބުރި ގައުމަށް ވަޑައިގެންނެވީ ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ގައުމީ ފެންވަރުގެ ދެނުރައްކާ ކަމަށްވާ ސިޔާސީ ލީޑަރުންގެ ކޮރަޕްޝަނާއި މަކަރުހެދުމާ އަދި ތާލިބާނުންގެ ހަރުކަށި ފިކުރުތަކާ އަދި އެމީހުން ހިންގަމުންގެންދާ ބޮންގޮއްވުން ފަދަ ޓެރަރިޒަމްގެ ޢަމަލުތަކުން ޕާކިސްތާނުގެ ދައުލަތާއި ރައްޔިތުން ސަލާމަތް ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް ޕާކިސްތާނަށް ވަޑައިގެންނެވިތާ ދެތިން ހަފްތާ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން މުޝައްރަފް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ޕާކިސްތާނުގެ އެއްވެސް އިންތިޚާބެއްގައި ޖެނެރަލް މުޅި އުމުރަށް މުޝައްރަފަށް ބައިވެރިނުވެވޭ ގޮތަށް ކޯޓުން ވަނީ ޙުކުމް ވެސް ކޮށްފަ އެވެ.
މި ޙުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް މުޝައްރަފްގެ ޤާނޫނީ ޓީމުން ގެންދަނީ ކުރަމުންނެވެ. ޕާކިސްތާނުގައި އިންތިޚާބީ ކޭންޕޭންތައް ވަރަށް ވަރުގަދައަށް ކުރިޔަށްދާއިރު ހަރުކަށި ފަރާތްތަކުން ގެންދަނީ ސިޔާސީ މީހުންނާއި ޖިނާއީ މައްސަލަތައް ތަހްގީގު ކުރާ ދައުލަތުގެ އިސްފަރާތްތައް މެރުމުގެ ޖަރީމާތަކެއް ހިންގަމުންނެވެ. މިގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ޙާދިސާއާ ބެހޭ ތަޙްގީގުތައް ކުރަމުންދާ ދައުލަތުގެ ޚާއްސަ ޕްރޮސެކިއުޓާ ޗައުދަރީ ޛުލްފިޤާރު އިއްޔެ ހެނދުނު އަވަހާރަކޮށްލާފައިވާ އިރު އިންތިޚާބުގައި ވާދަކުރާ އަވާމީ ނެޝަނަލް ޕާޓީގެ ކެންޑިޑޭޓެއް ކަމަށްވާ ސަދީޤުއްޒަމާން ޚަތްކުގެ ގައިކޮޅަށް ބަޑިޖަހައި އިއްޔެގެ ހުކުރުނަމާދަށް ފަހު ވަނީ އަވަހާރަކޮށްލާފަ އެވެ. ސަދީޤުގެގައިކޮޅަށް ބަޑިޖެހީ އިއްޔެގެ ހުކުރުނަމާދުން ފައިބައިގެން ގެއަށް ވަޑައިގަމުގެ މަގުމަތީގަ އެވެ.
މީގެއިތުރުން ކޭންޕޭންގެ އެއްވުންތަކާއި ރެލީ ތަކަށް ޙަމަލާދީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ޕާޓީތަކުގެ 40 އަށްވުރެ ގިނަ ފަރާތްތައް (ކެންޑިޑޭޓުންނާއި ޕާޓީތަކުގެ މަސްއޫލުވެރިންނާއި އެކްޓިވިސްޓުން) ވަނީ މަރާލާފަ އެވެ. މިކަމަށްޓަކައި ޕާކިސްތާނުގެ ވަގުތީ ސަރުކާރުން މިހާރުވަނީ އަމްނު ބެލެހެއްޓުމަށްޓަކައި މަގުތަކަށް ޢަސްކަރީ ސިފައިންގެ ފައުޖުތައް ނެރެން ފަށާފަ އެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ