އަމީނާ ފެނުނީ ގެއްލޭ މީހުން ހޯދާ މަރުކަޒަކަށް

މިދިޔަ ހުކުރު ދުވަހު މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ، އެނބުރި އަންނަން ނޭނގިގެން ގެއްލުނު ދިވެހި ދެ ހައްޖުވެރިންގެ ތެރެއިން ރޭ ފެނުނު އަމީނާ ހަސަން ހޯދީ، އެގޮތަށް ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް ކުރާ ޚާއްސަ މަރުކަޒެއްގެ ބައެކެވެ.
ނ. ވެލިދޫ އަމީނާ 63، ރޭ އިރާކޮޅު ފެނުނީ މިނާގެ މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިދުއް ކުވެއިތު ކައިރީގައި ގާއިމްކޮށްފައި ހުރި، ހައްޖަށް ގޮސް އުޅެނިކޮށް ގެއްލޭ މީހުން ހޯދުމަށް ޚާއްސަކޮށްފައިވާ މަރުކަޒެއްގެ ބަޔަކަށެވެ.
"މަގުމަތީގައި އޭނާ އެނބުރޭތީ ފެނިގެން އެ ސެންޓަރަށް ގެންދިޔަ ކަމަށް ބެލެވެނީ. އެތަނަށް ގެންގޮސްފައި، އަންހެންމީހާ އަށް ހައްޖު ކޯޕަރޭޝަނުން ދީފައި ހުރި ނަމްބަރުތަކަށް އެ ސެންޓަރުން ގުޅައިގެން އޭނާގެ ޚަބަރެއް މިވީ،" މިވަގުތު ހައްޖުގެ އަޅުކަމަށް ގޮސް ހުރި "މިހާރު" ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ބުންޏެވެ.
"ފެނުނުއިރު ހާލު ވެސް ރަނގަޅު ކަމަށް ވަނީ. އެކަމަކު އެހާ ގިނައިރު ހިނގުމުން އެ ވަރުބަލިކަން ހުރި."
އަމީނާގެ އިތުރުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު އަބްދުއްލަތީފް އަލީ 71، އެވެ.
އަބްދުއްލަތީފް ހޯދަމުން އަންނަތާ ތިން ދުވަސް ވެފައިވާއިރު، އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވާ ކަމަށް އަހުމަދު ބުންޏެވެ. އަދި އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް ސައޫދީގެ ކަމާބެހޭ ފަރާތްތަކާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ.
އަބްދުއްލަތީފް އަރަފާތަށް ދިޔައީ މޮބައިލް ފޯނު ކޮޓަރީގައި ބާއްވައިފަ އެވެ. އެހެންވެ ގެއްލުނު ހިސާބުން ފެށިގެން ވެސް އޭނާގެ އެއްވެސް ޚަބަރެއް ނެތެވެ.
"އަބްދުއްލަތީފް ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ މީހުން ދިދަ ހިފައިގެން މަގުމަތީގައި ހިނގުމާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް އެބަކުރޭ. އޭނާގެ އަތުގައި އޮންނާނެ ކާޑެއް. ދެން ސައޫދީގެ ހައްޖު މިނިސްޓްރީން ދީފައި އޮންނަ ބޭންޑެއް އަތުގައި އޮންނާނެ. އެ ބޭންޑުގެ ބާކޯޑުން އެނގޭނެ އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި ހައްޖު ކޯޕަރޭޝަންގެ ހޮޓްލައިން ނަމްބަރު،" އަހުމަދު ބުންޏެވެ.
މުޒްދަލިފާ އިން މިނާ އަށް ދިވެހި ހައްޖުވެރިން ދިޔަ މަގުމަތީގައި އެހެން ބައެއް މީހުން ވެސް ގުރޫޕާ ވަކިވެ، އަންނަން ނޭނގިގެން ގެއްލުނެވެ. އެކަމަކު އަބްދުއްލަތީފް ފިޔަވައި އެހެން އެންމެން މިހާރު ވަނީ ފެނިފަ އެވެ.
އަހުމަދު ބުނީ އަރަފާތަށް ދިއުމަށް ފަހު ދިވެހި ހުރިހާ ހައްޖުވެރިން ވެސް މުޒްދަލިފާ އަށް އައި ކަމަށެވެ.
"އެހެންވެ ބޮޑަށް ބެލެވެނީ ހައްޖުވެރިން މި ގެއްލުނީ މުޒްދަލިފާ އިން މިނާ އަށް އައި މަގުމަތީގައި ކަމަށް. ނުވަތަ މުޒްދަލިފާގެ ތެރެއިން ގެއްލެނީ ކަމަށް ބެލެވެނީ،" އަހުމަދު ބުންޏެވެ.
ދިވެހި ހައްޖުވެރިން މިނާ އިން މައްކާ މިއަދު ދާން ފަށާފައިވާއިރު، ހިނގާފައި ދިޔަ ގިނަ މީހުން މިހާރު ވަނީ މައްކާ އަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާއި ހަރަމައިން ޖަމާއަތުގެ ހައްޖުވެރިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ