މި ސަރުކާރުން ކޯޓުތަކުގެ ފުރާޅުން ޓިނު ނުނަގާނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަޒީރު ވިދާޅުވީ، މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން ކަމަށެވެ.
އެކަމަނާ ވިދާޅުވީ، މި ސަރުކާރުން ފަނޑިޔާރުން ހައްޔަރު ނުކުރާނެ ކަމަށާއި ކޯޓުތަކުގެ ފުރާޅުން ޓިނު ނުނަގާނެ ކަމަށެވެ.
މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތަނުގެ ތެރެއަށް ސިފައިން ވަނުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވާ މިނިސްޓަރ ކުރެއްވި ޓުވީޓެކެވެ.
މިނިސްޓަރގެ ވާހަކަތަކަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ރައްދު ދެއްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރިރޭ ކަންހިނގައިދިޔައީ އެފަދަ ގޮތަކަށް ނޫން ކަމަށެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ސިފައިން ހަރަކާތްތެރިވެފައިނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ، ސިފައިން އެރޭ ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް އެރީ ސަލާމަތަށެވެ. ތަނެއްގައި ކަމެއް ހިނގައިގެންދާއިރު އެތަނުގައި ސަލާމަތަށް ސިފައިން ކޮންމެ ކަމެއްވެސް ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ސަރުކާރުން ކޯޓުތަކުގެ ފުރާޅުން ޓިނެއް ނުނަގާނެ: ޔުމްނާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ