އެމްއާރްއެމްގެ ޒައީމަކަށް ރައީސް މައުމޫން ކުރިމަތިލައްވައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ޒައީމް ކަމަށް އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފިއެވެ. ރައީސް މައުމޫން މިއަދު ވިދާޅުވީ އެމްއާރްއެމްގެ ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި، "ޒައީމް" ކަމަށް ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެމްއާރްއެމްއިން ވަނީ ޒައީމް އާއި ރައީސް ކަން ވަކިން ހޮވަން ނިންމައި، މަގާމުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށްފައެވެ. އެމްއާރުއެމްގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ ދޭއްގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނުގައެވެ. އެ ކޮންވެންޝަންގައި ޕާޓީގެ ޒައީމާއި ރައީސްގެ އިތުރުން ދެ ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީ އާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާނެއެވެ. މީގެ އިތުރުން އިންތިހާބު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ހޮވާނެއެވެ. ޑިސެމްބަރު 20، 2019ގައި ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާވި އެމްއާރުއެމް ހިންގުމާ މިހާރު ހަވާލުވެޑައިގެން ހުންނެވީ ވެސް ރައީސް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ