ގިނަ ރައްޔިތުން ބިދޭސީންނަށް ރަށްވެހިކަންދޭން ދެކޮޅު ހަދާނެ: ނިހާން

ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ސާފުކޮށް ދެކޮޅު ހަދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި 30އަށްވުރެ ގިނަ އަހަރު ދިރިއުޅެ، މާމަ ކާފަ ކިޔާފައި ތިބި ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދޭން ފެނޭތޯ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ޓުވިޓާގައި ސުވާލު އުފައްދަވާފައެވެ.
އާޒިމްގެ ޓުވީޓު، ރީޓުވީޓު ކުރައްވައި ނިހާން ވިދާޅުވީ ދިވެހި ރައްޔިތުން ބޮޑު އަޣްލަބިއްޔަތަކުން އެކަމަށް ނޫނެކޭ ބުނާނެ ކަަމަށެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ ބިދޭސީންނަށް ރަށްވެހިކަން ދީފިނަމަ ގައުމިއްޔަތު ހިމާޔަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާނުވެސް ވަނީ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.
"އެތެރެ ހަށީގައި ދިވެހި މައެއް، ބަފައެއްގެ ލޭ ނުހިގާ ފަރަންޖީއަކަށް ގަޢުމުގެ އެއްގަމާއި، ކަނޑާއި، ޖައްވުން ދިވެއްސެއްގެ "ޝަރަފު" ދިނުމަކީ ދިވެހި ޖީލުތަކަށް ހަރާންކޯރުވުން" ޖަމީލް އުސްމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ