ވިޔަފާރިއާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ބަދަހިކުރަން ޕާރޕްލް ލޭން އެޕް!

21ވަނަ ގަރުނުގައި ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީންނެވެ. މި ގަރުނުގެ ޓެކްނޮލޮޖީތަކުގެ މަޤްޞަދަކީ މީހުންގެ ގުޅުންތައް ވަރުގަދަކޮށް، ކަންތައްތައް ފަސޭހަކޮށްދިނުމާއި އަދި ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ. މިއަދު ޓެކްނޮލޮޖީ ވެފައިމިވަނީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ވަރަށްވެސް މުހިންމު ބަޔަކަށެވެ. އެކިކަހަލަ ކަންތައްތައް މިއަދު ކުރިއަރަމުންދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތަކުގެ އެހީގައެވެ.
އެގޮތުން ޓެކްނޮލޮޖީގެ އެހީގައި ކުރިއަރައި ތަރައްޤީވަމުންދާ އެންމެ ބޮޑު އެއް ދާއިރާއަކީ ވިޔަފާރީގެ ދާއިރާއެކެވެ. ޒަމާނީ ވިޔަފާރިއެއްގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެ ވިޔަފާރިއެއްގެ ކަސްޓަމަރުންކަން ގިނަބަޔަކު އެއްބަސްވާނެއެވެ. އެހެންކަމުން އެފަރާތްތަކާއި ވިޔަފާރިތަކާއި މެދުގައި އޮންނަ ގުޅުން ވީހާވެސް ބޮޑަކަށް ރަނގަޅުކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ދެފަރާތުގެ ލާބައަށްޓަކައެވެ.
ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ޢަމަލުކުރަމުންދާ އެއް ގޮތަކީ ލޯޔަލްޓީ ޕްރޮގްރާމްތައް ތަޢާރަފުކުރުމެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ވިޔަފާރިތަކާއި ކަސްޓަމަރުންގެ ގުޅުން ރަނގަަޅުކޮށް، އެ ވިޔަފާރިތަކަށް ކަސްޓަމަރުން ޒިޔާރަތްކުރާ އަދަދު ގިނަކުރުމެވެ. ބްރޭންޑް ނޭމް އިތުރަށް މަޝްހޫރުކޮށް ވަރުގަދަ ކުރުމެވެ.
ރާއްޖޭގެ ބައެއް ވިޔަފާރިތަކުން މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމްތައް ގެންގުޅޭއިރު، މިކަން އެހާ ފުޅާކޮށް މިހާތަނަށް ގޮސްފައެއް ނުވެއެވެ. މިކަމުގެ އެއް ސަބަބަކީ ލޯޔަލްޓީ ޕްރޮގްރާމްތަކާއި ގުޅޭ ހުރިހާ ކަންތައްތަކެއް އެއްތަނަކުން ފެންނާނެފަދަ ޕްލެޓްފޯމެއް އުފެދިފައި ނެތުމެވެ. ނަމަވެސް ޒުވާން އަދި ހުނަރުވެރި ޑިވެލޮޕަރުންތަކެއް ހިމެނޭ ދަ ވައިލެޓް ކޮމްޕެނީން ދާދިފަހުން ވަނީ މިފަދަ ޕްލެޓްފޯމެއް އުފައްދާފައެވެ. އެއީ "ޕާރޕްލް ލޭން"ގެ ނަމުގައި ތަރައްޤީކޮށްފައިވާ އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކުންވެސް ބޭނުންކުރެވޭނެ މޯބައިލް އެޕްލިކޭޝަނެކެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އާންމުންނަށް ދޫކޮށްފައިވާ މި އެޕްލިކޭޝަންގައި ކޮންމެ ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއެއްގެ ލޯޔަލްޓީ ޕްރޮގްރާމެއް ފެށިދާނެއެވެ. އެގޮތުން މި ޕްރޮގްރާމް ދެގޮތެއްގެ މައްޗަށް ބިނާކުރެވިދާނެއެވެ. އެއީ ކަސްޓަމަރުން ވިޔަފާރިކުރާ ވަރަކަށް ޕޮއިންޓް ލިބޭނެގޮތަށް، ނުވަތަ ވިޔަފާރިކުރާ ނިސްބަތުން އިތުރު ފައިދާތައް ލިބޭނެފަދަ ޕްރޮގްރާމެކެވެ. މި އެޕްލިކޭޝަން އިންސްޓޯލްކުރާ ކަސްޓަމަރުންނަށް، އެފަރާތްތަކުން ބައިވެރިވާ ހުރިހާ ލޯޔަލްޓީ ޕްރޮގްރާމެއްގެ ތަފުސީލުތައް އެއް ވިންޑޯއަކުން ފެނިގެންދާނެއެވެ. އަދި ލޯޔަލްޓީ ޕޮއިންޓްތައް އެހެން ފަރާތްތަކަށް ޓްރާންސްފަރކޮށް، ވިޔަފާރިތަކުން ކުރިއަށްގެންދާ އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ ތަފުސީލުތައްވެސް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ޕާރޕްލް ލޭން ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން، ވިޔަފާރިތަކުގެ ޓޮޕް ކަސްޓަމަރުންނަށް ވުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މިއީ "މޭޔަރ"އަށްވުމުގެ ފުރުޞަތެވެ.
މިހާތަނަށް ރާއްޖޭގެ 6 މަގުބޫލު ވިޔަފާރިއަކުން ވަނީ ޕާރޕްލް ލޭން އެޕްލިކޭޝަންގައި ބައިވެރިވެފައެވެ. އެއީ މޯޑަސް އޮޕެރަންޑި، ފެމިލީ ރޫމް ކެފޭ، މަމަކް، ދަ ގްރޫވް ކެފޭ އަދި ކޮފީލިޒަމްއެވެ. މީގެ އިތުރުންވެސް މުސްތަޤުބަލުގައި އިތުރު ވިޔަފާރިތަައްވެސް ޕާރޕްލް ލޭންގައި ހިމެނޭނެކަމަށް ވަނީ ބުނެފައެވެ. މި އެޕްގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން، ޕާރޕްލް ލޭންގެ ވެބްސައިޓް މެދުވެރިކޮށް އެކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެއެވެ.
21 ވަނަ ގަރުނުގައި އެންމެންވެސް ކުރިއަރަމުންދަނީ ޓެކްނޮލޮޖީގެ އެހީގައެވެ. އޭގެ ހެޔޮ ބޭނުން ހިފައި ތަރައްޤީ ހޯދައިގެންނެވެ. އެހެންކަމުން ޕާރޕްލް ލޭންފަދަ އެޕްތައް ބޭނުންކޮށްގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ