އެއްބަސްވުމަކީ ސައްހަ އެއްޗެއް، އެއީ އިންޑިއާއިން ފޮނުވި އެއްބަސްވުމުގެ ކޮޕީއެއް: އުމަރު

މިއަދު ލީކުކޮށްލި އުތުރު ތިލަފަޅު އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެއީ އިންޑިއާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ލީކުކޮށްލި އެއްބަސް ލވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެއީ އިންޑިއާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި މިއަދު ލީކު ކޮށްލާފައިވަނީ އުމަރު ނަސީރެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ މީޑިއާގައި ދައުރު ވަމުންދަނީ ހަގީގަތާ ހިލާފު ލިޔުންތަކެއް ކަމަށެވެ.
ޑިފެންސުން ބުނީ މިފަދަ މައްސަލަތަކަކީ ގައުމީ ސަލާމަތާއި ދައުލަތުގެ މަސްލަހަތާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތައް ކަމަށާއި އެހެންކަމުން މިފަދަ މައުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ދިވެހިންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ދޮގު ހަބަރުތައް ނުފަތުރަން ވެސް ޑިފެންސުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ