ކަރަންޓް ސަބްސިޑީ ދެނީ ރަނގަޅު އުސޫލަކުން ނޫން: ޕީޕީއެމް

ކަރަންޓް ސަބްސިޑީ ދިނުމަށް މިހާރު ގާއިމުކޮށްފައިވާ އުސޫލަކީ އެހާ ރަނގަޅު އުސޫލެއް ނޫން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ. "އަޅުގަނޑުމެންގެ ނަޒަރުގައި ކަރަންޓް ސަބްސިޑީ މި ދެވެނީ އެއް ހަރުދަނާ އުސޫލެއްގެ މަތިންނެއް ނޫން. އެކަމަށް އެދޭ ކޮންމެ މީހަކަށް ލިބޭ ގޮތަކަށް މި އޮންނަނީ،" ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާ ޕީޕީއެމް އިން ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަނަވަސްކަން ހުރި މީހުންނަށް ވެސް ކަރަންޓް ސަބްސިޑީ ލިބުމަކީ މައްސަލައެއް ކަމަށެވެ. އަދި ކަރަންޓް ސަބްސިޑީ ދިނުމުގެ ކަންތައްތައް މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ކުރަންޖެހޭ ކަމަށް އަނީސާ ވިދާޅުވި އެވެ. ޕީޕީއެމް އިން އެންސްޕާއާ މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އާސަންދައާ ބެހޭ ގޮތުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހިމެނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެހީގެ ކަންކަމާއި އެކަނިވެރި މައިންނަށް ދޭ އެހީ ހަރަދުނާކުރުމާ ބެހޭ ގޮތުން އެންސްޕާއާ މަޝްވަރާކޮށްފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ. "ކަންކަން ހަރުދަނާ ކުރުމަށް އެތަނުން ވެސް ދަނީ ސަރުކާރާ މަޝްވަރާކޮށް މަސައްކަތްތަކެއް ކުރަމުން." އަނީސާ ވިދާޅުވީ އަންނަ ރިއާސީ އިންތިހާބަށް ޕީޕީއެމް އިން ނިކުންނަ ކެނޑިޑޭޓެއްގެ މެނިފެސްޓޯ ތައްޔާރުކުރާއިރު މިއަދު އެންސްޕާ އިން ލިބުނު މައުލޫމާތުތައް ހިމަނާނެ ކަމަށެވެ. ޕީޕީއެމް އިން ދަނީ މެނިފެސްޓޯ ތައްޔާރުކުރުމަށް ސަރުކާރުގެ ތަފާތު ވުޒާރާތަކާއި ކުންފުނިތަކާ ބައްދަލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ