ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ތަނަވަސް ބޭފުޅަކަށް ވެވަޑައިގަތުމަށް އިހްލާސްތެރިކަމާއެކު ކުރެއްވި ބުރަ މަސައްކަތްޕުޅަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ޙަސަން ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހަސަން ސައީދު ވިދާޅުވީ ޤާސިމް އިބްރާހިމްގެ ބުރަ މަސައްކަތްޕުޅުން އެމަނިކުފާނު ތަނަވަސް ބޭފުޅަކަށްވެ ވަޑައިގަތުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުންގެންދާތީ ތަނަވަސްވުމަކީ ކުށެއްހެން ހީވާ ކަމަށެވެ.
ޑރ. ޙަސަން ވިދާޅުވީ ބައެއް ބޭފުޅުން ޤާސިމަށް މިއަދު ފާޑު ވިދާޅުވަނީ އެބޭފުޅުންނާއި ގުޅިވަޑައިގެން އިންތިހާބުގައި ނިކުންނެވުމަށް ޤާސިމަށް ދެއްވި ދައުވަތު ޤަބޫލުކުރެއްވުމުގެ ބަދަލުގައި ޤާސިމް އަމިއްލަފުޅަށް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭތީ ހަމައެކަނި ސިޔާސީ ގޮތުން ފާޑެއް ވިދާޅުވުމުގެ ގޮތުން ކަމަށެވެ.
ޑރ. ޙަސަން ވިދާޅުވީ ޤާސިމް އިބްރާހިމަކީ ވަރަށް ތުއްޕުޅުއިރު ނިކަމެތި ހާލުގައި މާލެ ވަޑައިގެން އަމިއްލަފުޅަށް ބުރަ މަސައްކަތް ކުރައްވައިގެން ތަނަވަސްކަން ހޯއްދެވި ބޭފުޅެއް ކަމަށާއި، ޖުމްހޫރީ ގުޅުމުގެ ސިޔާސަތަކީ ޤާސިމް އިބްރާހިމް ފަދަ އެތައް ޤާސިމެއް އުފެއްދުން ކަމަށެވެ.
ޑރ. ޙަސަން އިތުރަށް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ޤާސިމް އިބްރާހިމް އަދާކުރައްވާފައިވާ މަޤާމު ތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރު ކަމާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުގެ މަޤާމު ފަދަ މުހިއްމު ޒިންމާދާރު މަޤާމުތައް ފުރުއްވާފައިވާތީ އެމަނިކުފާނުގެ ޤާބިލްކަމާއި އިހްލާސްތެރިކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.
"މިއަދު ދެން އެމަނިކުފާނު އެއްވެސް ބޭފުޅެއްގެ ފަހަތަށް ވަޑައިނުގަތީމާ އަނެއްކާ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ އިޝާރާތްތައް އަބަދު ފެންނަން ފެށީމާ މިހާރު މުއްސަންޖަކަށްވުމަކީ ކުއްލިއަކަށް ކުށަކަށްވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ފަހުރުވެރިވާންވީ ކަމެކޭ ނިކަމެތި ޔަތީމް ކުއްޖަކު ރާއްޖެ ތެރެއިން މާލެ އައިސް ބުރަ މަސައްކަތުން ވައްކަން ނުކޮށް ހިޔާނާތްތެރިނުވެ ބޭންކެއް ނުފަޅާ މުއްސަނދި ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެކޭ. އަޅުގަނޑުމެން ކެންޑިޑޭޓް މަތިން އަޅުގަނޑު ފަހުރުވެރިވޭ" ޑރ. ޙަސަން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތަނަވަސްކަމަކީ ﷲ ދެއްވާ ނިއުމަތެއް ކަމުން އެފަދަ ނިއުމަތެއް ލިބިވަޑައިގަތުމަކީ ކުށެއް ކަމަށް ދެކި އެގޮތަށް ވާހަކަ ދެއްކުމަކީ ރަގަޅު ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ޤައުމުގެ އިޤްތިސޯދީ ހާލަތު އޮތް ގޮތުން މިއަދު ޤައުމުގެ ވެރިކަން ހަވާލުކުރުން އެންމެ ރަގަޅީ ތަނަވަސްކަން ލިބިވަޑައިގެންފައިވާ އަދި މިނިވަންކަމާއެކު މަސައްކަތް ކުރެއްވޭނެ ބޭފުޅަކަށް ކަމަށާއި ޤާސިމް އިބްރާހިމަކީ އެފަދަ ބޭފުޅެއް ކަމަށެވެ.
"ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް އަންނަންޖެހޭނީ އަޅުގަނޑު ޝަހްސީކޮށް ޤަބޫލުކުރާ ގޮތުގައި ހުރިހާ ގޮތަކުންވެސް މިނިވަން ބޭފުޅެއް. ތަނަވަސް ފުދުއްތެރިވެސް ބޭފުޅެއް. އެހެން މީހެއްގެ ޖީބަށް ނުވެއްޓި ކަންކަން ހިންގަން ޤާބިލިއްޔަތުކަން ހުންނާނެ ބޭފުޅެއް. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެހުރިހާ ސިފަތަކެއް ޤާސިމްގެ ޝަހްސިއްުޔަތުގައި އެބަހުރި" ޝަހީމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ނައިބު ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވީ ޤާސިމަށް ބައެއް ފަރާތްތަކުން ފާޑު ވިދާޅުވަނީ ޤާސިމާއި މެދު ވިދާޅުވާނެ އެއްޗެއް ނެތިގެން ކޮންމެވެސް އެއްޗެއް ވިދާޅުވުމަށް ކަމަށެވެ. ޑރ. ޙުސައިން ވިދާޅުވީ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ބުނާ ހުރިހާ ޝަރުތެއް ޤާސިމް އިބްރާހިމްގެ ކިބައިގައި ހަމަވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ތަނަސްވަސްކަމާއި ގުޅުވައިގެން ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ޤާސިމް އިބްރާހިމަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ވަރަށް ކުރިއްސުރެވެސްެ ދެމިހުންނެވި ބޭފުޅެއް. އެހެންވީމާ މިކަމުގައިވެސް ޤާސިމް ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެން މިމަސައްކަތް މިކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ހޯއްދަވަން. އެހެންވީމާ އެފުރުސަތު ދެންމެ ރަނިންމޭޓްވެސް ވިދާޅުވި ފަަދައިން ރައްޔިތުން މިފަހަރު ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ ޤާސިމްއާ މެދު މީހުންގެ ހިތްހަމަނުޖެއްސުމަށްޓަކައި ބައެއް ބޭފުޅުން އެކަހަލަ ވާހަކަ ދައްކަވަނީ" ޑރ. ޙުސައިން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ޤާސިމް އިބްރާހިމަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކަށް ރައްދުދެއްވަމުން އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ޚަލީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތަޖުރިބާއާ ޤައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބަލާއިރު ޤާސިމް އިބްރާހިމާ ހަމަހަމަ ކުރެވޭނެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށެވެ.
ޚަލީލް ވިދާޅުވީ ޤާސިމަށް ފާޑު ވިދާޅުވާ ބޭފުޅުން އެކަން ކުރަން ލަދުގަންނަންޖެހޭނެ ކަމަށާއި، އަމިއްލަފުޅު ޖީބުން ދިވެހި ރައްޔިތުންނަށް ޤާސިމް އިބްރާހިމް ދީލަތި ކަމާއެކު ހިދުމަތް ކުރައްވަމުންގެންދަވާތާ 40 ހަކަށް އަހަރުވެގެން ގޮސްފައިވާ ކަމަށެވެ.
ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނެވުމަށްފަހު ޤާސިމް އިބްރާހިމް އިސްތިއުފާ ދެއްވީ "ފިނޑިކަމުން" ކަމަށް ސިޔާސީ ބޭފުޅަކާއި ހަވާލާދީ ނޫސްވެރިޔަކު ދެންނެވުމުން ހަލީލް ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ހުންނެވުމަށްފަހު ޤާސިމް އިސްތިއުފާ ދެއްވީތީ ފަހުރުވެރިވާ ކަމަށާއި، ޤާސިމް އިސްތިއުފާ ދެއްވީ ޤައުމާ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ.
އަދި ޤާސިމް، ނަޝީދުގެ ސަރުކާރުން އިސްތިއުފާ ދެއްވީ އެސަރުކާރުން ޤައުމުގެ ހަރުމުދާ ވިއްކާ ޤާނޫނު އަސާސީއާ ޚިލާފަށް ކަންކަން ކުރަން ފެށުމުން ކަމަށާއި، ނަޝީދުގެ ސަރުކާރުގައި ހުންނަވައިގެންނާއި އެސަރުކާރުގެ ތެރެއިން ނިކުންނަވައިގެން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި ދިވެއްސަކީވެސް ޤާސިމް ކަމަށް ވިދާޅުވެ ހަލީލް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް ރައްދުދެއްވާފައެވެ.
"ޤާސިމް އިބްރާހިމް 21 ދުވަސް ތެރޭގައި އިސްތިއުފާ ދެއްވާފައި ނިކުމެވަޑައިގެންނެވުން އެއީ އަޅުގަނޑުމެން މިއަދު ފަހްރުވެރިވާ ކަމެއް އިނގޭތޯ؟ އެއީ ޤައުމަށްޓަކައި އެވަގުތަކު އެވަޑައިގަންނަވަން ބޭނުންފުޅުވި ކޮންމެ ޤުރުބާނީއެއް ރައްޔިތުންނަށްޓަަކައި ޤައުމަށްޓަކައި ވެވަޑައިގަންނަވާނެކަން މިކަހަލަ ކަންކަމުން ރަމްޒްކޮށްދެނީ. ދިވެހި ރައްޔިތުންގެ ލޮލުން މިއަދު އޮހޮރެމުންދާ ކަރުނަ އެމަނިކުފާނުގެ ވެރިކަމެއްގައި ފިނިފެންމަލެއް ގޮތަށް ފޮޅުވާލަދޭނަމޭ ޤާސިމް އެވިދާޅުވަނީ. އެއީ ޤާސިމް އިބްރާހިމްގެ ސިފަކުރެއްވުމަކީ" ޚަލީލް ވިދާޅުވިއެވެ.
ގާސިމް ކުރެއްވި މަސައްކަތަށް ފަހުރުވެރިވަން: ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ