މިދިޔަ 20 އަހަރު ތެރޭގައި 60 މިލިމީޓަރަށް ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ވަނީ އުފުލިފައި: މައުމޫން

މިދިޔަ 39 އަހަރަށް ބަލާއިރު ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީ ސެލްސިއަސް އަށް އިތުރުވެފައިވާ ކަމަށާއި ފާއިތުވި 20 އަހަރު ތެރޭގައި 60 މިލިމީޓަރަށް ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ކަމަށް ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ތިމާވެށީ ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދާ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކަކީ ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ގޯސް ހާލަތެއްކަން ވެސް މައުމޫން ފާހަގަ ކުރެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ. މައުމޫން ވާހަކަފުޅުގައި ވަނީ، ރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް ދުނިޔެ ހޫނުވުމުގެ މައްސަލަ އަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ސަމާލުވާން އެމަނިކުފާނު ގޮވާލެއްވި އެވެ. "މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްތައް އެކުލަވާލިއިރު ފެންނަން ނެތް އެތައް ބަދަލެއް މިއަދުގެ ތިމާވެށީގެ ހާލަތުން މިދަނީ ފެންނަމުން. އަޅުގަނޑުމެން ފަދަ ކުދި ގައުމުތައް މިކަމާ މެދު ކަންބޮޑުވަން،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ނުވަ ބިލިއަން މީހުން ދުނިޔޭގައި އުޅޭނެ ކަމަށް މިހާރު ލަފާކުރެވޭއިރު މިހާރުގެ ތެލުގެ ޑިމާންޑް އޮތް މިންވަރަށް ބަލައި މި އަދަދަށް ދުނިޔޭގެ އާބާދީ އިތުރުވެގެން ގޮސްފި ނަމަ ތެލުގެ ސަޕްލައި ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. "އަދި މިދިޔަ އަހަރަކީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ ދުވަސް އައި އަހަރުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއީ ދުނިޔޭގެ ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ބޭރުވުން އިތުރުވެފައިވާ މިންވަރުގެ ނަތީޖާ ކަމަށެވެ. އަދި މިއީ މިކަން ހައްލުކުރުމަށް ހަރުދަނާ ފިޔަފަޅުތަކެއް އަޅަން ވެއްޖެ ވަގުތު ކަމުގައްޔާއި ވަގުތު ބޭކާރު ކުރެއްވެން ނެތް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ،" މައުމޫން ވިދާޅުވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ. ސަމިޓްގެ މިއަދުގެ ސެޝަންގެ މޮޑަރޭޓަ އދ. ގެ ކުރީގެ އަންޑަ ސެކްރެޓަރީ ޖެނެރަލް ނިތިން ދެސާއިގެ ވާހަކައިގައި 1987 ވަނަ އަހަރު، ދުނިޔެ ހޫނުވުމުގެ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ފާހަގަ ކުރެއްވި އެވެ. އަދި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް އެންމެ ފުރަތަމަ މަސައްކަތްޕުޅު ފެއްޓެވި ސިޔާސީ ލީޑަރަކީ މައުމޫން ކަމަށް އޭނާ ވިދާޅުވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ. ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓަކީ ޓެރީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ސަމިޓެކެވެ. މިއީ އެ ޖަމިއްޔާގެ 15 ވަނަ ބައްދަލުވުން ކަމަށްވާއިރު މި ފަހަރަކީ މައުމޫން އެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ތިންވަނަ ފަހަރެވެ. އަދި 2009 ވަނަ އަހަރުގެ ޓެރީ ސަސްޓެއިންބަލް ޑިވެލޮޕްމަންޓް އެވޯޑް މައުމޫނަށް ވަނީ ލިބިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ