ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ވަގަށް ނެގުމުގެ ތުހުމަތުގައި ތިނަދޫން މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ އިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދައި އެރަށުން މީހަކު ހައްޔަރުކޮށްފި އެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ތިނަދޫ ކުޅިވަރު އެކުވެނި ދަނޑުގެ އިންޑޯ ކޯޓު ހެދުމަށް ބޭނުންކުރާ ކަރަންޓް ސާމާނާއި މަސައްކަތުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމަށް ބުނެ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 24 ވަނަ ދުވަހުގެ 15:45 ހާއިރު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތިން ގެއެއް ބަލައި ފާސްކޮށްފައިވާއިރު މި ގެތަކުގެ ތެރެއިން އޭނާއާ ގުޅުންހުރި ގެއެއްގެ ކޮޓަރި ތެރެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި ގިނަ އަދަދެއްގެ ޓޫލްސް ފެނިފައިވާ ކަމަށާ މިތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ