ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ. ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ޖަމީލާ އަލީ ޚާލިދު ރާއިން ޖަރުމަނަށް ކަނޑައަޅާ ސަފީރަކަށް އައްޔަންކުރުމާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ވާކަމަށެވެ. ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިގުރާރު ދޫކުރުމާއި، ފޯމާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ. އަދި މި ފޯމާއި އިގުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ