ރައީސްގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން ޑރ. ޝަހީދު ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން ޑރ. އަހުމަދު ޝަހީދު މިއަދު ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޑރ. ޝަހީދު އެމަގާމުން ވަކިކުރެއްވީ އ.ދ އިން އިރާނަށް ކަނޑައަޅާ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާގެ މަގާމަށް ޑރ. ޝަހީދު ހޮވިވަޑައިގެންފައިވާތީ ކަމަށެވެ. ޑރ. ޝަހީދު އެމަގާމުން ވަކިކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ރައީސްގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
މީގެއިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑރ. ޝަހީދާ އެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގައި މެދުއިރުމަތީގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވި އެވެ.
އަދި މިއަހަރު އައްޑޫ ސިޓީގައި ބާއްވާ ސާކް ސަމިޓްގައި މިސަރަހައްދުގެ ގައުމުތަކުގައި އިންސާނީ ހައްގުތަކާބެހޭ ހަރުދަނާ ސިޔާސަތެއް ގާއިމްކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމުގެ މުހިންމު ކަމުގެ މައްޗައް ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ