100 ޕަސަންޓު އިސްލާމީ ގައުމެއްގައި ދީނަށް އިތުރަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނެތް: ނަޝީދު

ރާއްޖެއަކީ ސަތޭކަ ޕަސަންޓު އިސްލާމީ ގައުމަކަށް ވާއިރު، ދީނަށް އިތުރަށް ދައުވަތު ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަޝީދު މިއަދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އުޅޭއިރު، އެމީހުންގެ ތެރޭގައި އެންމެ ފުރަތަމަ ތިބެނީ "[އިސްލާމް ދީނަށް] ދައުވަތު ދޭ މީހުން" ކަމަށެވެ.
އެކަމަކު ރާއްޖެއަކީ ސަތޭކަ ޕަސަންޓު އިސްލާމީ ގައުމެއްގެ ގޮތުގައި އޮންނަތާ އެތައް އަހަރެއް ވެފައި ވާއިރު، އިތުރަށް ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވީ "ހ. ކަޅުވެޔޮ، އަބްދުއްލަތީފްގެ ދަރިއެއް އައިސް އަނެއްކާ އަޅުގަނޑަށް އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" ކަމަށެވެ.
"އަޅުގަނޑަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ އެގޭ އަބްދުއްސައްތާރު. ހ. ކަޅުވެޔޮ އަބްދުއްލަތީފްގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" އިޔާޒާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މިހިރީ ދީނުގެ މަތީގައި. މިއީ 100 ޕަސެންޓް އިސްލާމީ ގައުމެއް. މިތަނުގައި އެހެން މީހަކަށް ދެން ދައުވަތު ދޭކަށް ނެތް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ގުޅިގެން މަރުތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ދީނީ ހަރުކަށި ފަރާތްތަކާ ބެހޭ ގޮތުން ހުރި ވާހަކަތަކުގެ މައްޗަށް ނަޝީދުގެ ވާހަކަފުޅު ބިނާ ކުރެއްވި އިރު، އެމަނިކުފާނު ވިދާޅުވީ އިތުރަށް ދީނަށް ދައުވަތު ދޭ މީހުން ދައުވަތު އެ ދެނީ ހަނގުރާމައަށް ކަމަށެވެ.
އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމަށް ފަހު ގިނަ ބަޔަކު ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ