މަޖިލީހުގެ ނާއިބު ރައީސްގެ ފާސްކުރުމުގެ އަމުރު ކޯޓުން ނުދިން

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުމުގެ ތުހުމަތުގައި، އޭނާއާ ގުޅުން ހުރި ތިން ގެއެއް ބަލައި ފާސްކުރުމުގެ އަމުރު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ރޭ ޖިނާއީ ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު ދީފައި ނުވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ޖިނާއީ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މ. ނިޔަދުރުގެ އާއި ގ. އާބިން އަދި މއ. އެންދެރިކުރި ބަލައި ފާސްކުރުމުގެ އަމުރު ހޯދުމަށް ފުލުހުން އެދުނު ނަމަވެސް އެ އަމުރު މިއަދު ނެރެފައި ނުވަނީ ފުލުހުން ހުށަހެޅި ކަންތައްތަކަށް ބެލިއިރު އަމުރު ނެރެދެވޭނެ ކަމުގެ ގާނޫނީ ހަމައެއް ދައްކާފައި ނެތުމުން ކަމަށެވެ.
ޖިނާއީ ކޯޓުން ބުނީ ނާޒިމްއާ ގުޅުން ހުރި ގެތައް ބަލައި ފާސްކުރުމަށް ބޭނުންވާ ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައި ވަނީ "ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ" ކަމަށެވެ. އަދި އެކަމަށްޓަކައި ލިބިފައިވާ ހެއްކާއި ގަރީނާ ކަމުގައި ފުލުހުން ބުނެފައި ވަނީ ޖިނާއީ ކޯޓުގެ ނޫސްބަޔާނުގައި ވާ ގޮތުން "ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރަށް ދަތިވާ ގޮތަށް އެކިއެކި ކަންކަން ފާސްކުރަމުން ދިއުމާއި ސަރުކާރުގެ އިދާރާތަކައް ދަތި ކުރުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދީފައިވާ މައުލޫމާތެވެ".
ނާޒިމްގެ އިތުރުން މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުން ހައްޔަރުކޮށްފައިވާ މައްސަލައިގައި ޖިނާއީ ކޯޓުން ބުނީ އެ ދެ ބޭފުޅުން ހައްޔަރުކުރީ ކޯޓުގެ އަމުރަކާ ގުޅިގެން ކަމަށް ބުނެ ޓީވީއެމްއިން ރޭ ފަތުރާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
ޖިނާއީ ކޯޓުން ބުނީ ޔާމީނާއި ގާސިމްގެ ފަރާތުން ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން ނެރެފައި ވާނީ އެ ދެ ބޭފުޅުން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ކަމަށެވެ. އަދި އެ ގޮތަށް އަމުރު ނެރުނީ ޖިނާއީ ކޯޓުން ބުނި ގޮތުގައި ޔާމީނާއި ގާސިމް ހައްޔަރު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އަދި ކޯޓުން ބުނީ ޔާމީނާއި ގާސިމްގެ ވަކީލުންގެ ޓީމުން ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ބަންދުން ދޫކުރުމުގެ އަމުރެއް ވެސް ނެރެފައި ނުވާނެ ކަމަށެވެ.
"ޖިނާއީ ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހީމްގެ ގެއަށް ގާނޫނާ ހިލާފަށް ވަދެ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން މި އަމުރު ލިބޭތާ އެއް ގަޑިއިރުގެ ތެރޭގައި އެ ދެ ބޭފުޅުން ޖިނާއީ ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ. ދެންނެވުނު އަމުރު ނެރެފައި ވަނީ 29 ޖޫން 2010 ދުވަހުގެ ރޭ 30: 23 ގަ އެވެ،" ޖިނާއީ ކޯޓުގެ ނޫސްބަޔާނުގައި ވެ އެވެ.
އެހެން ނަމަވެސް އެ ދެ ބޭފުޅުން ރޭ ޖިނާއީ ކޯޓަށް ހާޒިރު ނުކުރެއްވީ ފުލުހުންނާ ހަވާލާދީ ކޯޓުން ބުނީ އެ ބޭފުޅުން ތިއްބެވީ މާލެއިން ބޭރުގައި ކަމަށް ވެފައި މާލެ ގެންނަން ޖެހިއްޖެ ނަމަ ސަލާމަތީ ގޮތުން ނުރައްކާތަކެއް ހިނގާފާނެ ކަމަށް ފެންނާތީ އެވެ.
އަދި ޔާމީނާއި ގާސިމް މިއަދު ހެނދުނު ނުވައެއް ޖަހާއިރު ކޯޓަށް ހާޒިރުކޮށް ދޭނެ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ބުނެ އެ ބޭފުޅުން ހާޒިރުކޮށް ނުދޭ ކަމަށް ކޯޓުގެ ނޫސްބަޔާނުގައި ވެ އެވެ.
ނޫސްޗާޕަށް ދިޔައިރު ޔާމީނާއި ގާސިމް ހައި ކޯޓަށް ހާޒިރު ކުރައްވައި އަޑު އެހުން ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ