އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި 10 މީހުންގެ ތެރެއިން ތިން މީހަކު ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް މިއަދު ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޓެރަރިޒަމް ކުށުގެ ދައުވާގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފުކުރީ އއ. ހިމަންދޫ ގުލްފާމުގޭ އަހުމަދު ރަމްޒީ އާއި އެރަށު އަސުރުމާގޭގެ އާދަމް މުހައްމަދާއި ހުސްނުހީނާގޭ އަހުމަދު އަލީ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބައްލަވައި ދިރާސާ ކުރެއްވުމަށް ފަހު މިއަދު ބޭއްވި މަޖިލީހުގައި ފަނޑިޔާރު އަލީ އަހުމަދު ފުރަތަމަ ކުރިޔަށް ގެންދެވީ އަހުމަދު ރަމްޒީގެ މައްސަލަ އެވެ.
ފަނޑިޔާރު ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު ދަށުކޯޓުގެ މަރުހަލާގައި ރަމްޒީ އިންކާރު ކޮށްފައި ވަނީ ޓެރަރިޒަމް ދައުވާ ނުކުރެވޭނެ ކަމަށް ކަމަށާއި ހާދިސާގައި ބައިވެރި ނުވާ ކަމަށް އިންކާރު ކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ހިމަންދޫގެ ހާދިސާ އަކީ ގާނޫނާއި ގަވައިދުތަކާއި ދިވެހި ރާއްޖޭގެ ޕަބްލިކް އޯޑަރާއި އާންމު ނިޒާމާ ހިލާފު ފިކުރެއް ބާރުވެރި ކުރުމަށް ހިންގާފައިވާ ހާދިސާއެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށާއި މި މައްސަލައަކީ ދިވެހި މުޖުތަމައުގައި އެފަދަ ހާދިސާތައް ފެތުރިގެން ހިނގައިދާނެ ފަދަ، ހެއްކާއި ގަރީނާ ހުރި މައްސަލައަކަށް ވާތީ ރަމްޒީގެ ފަރާތުން މި މައްސަލަ އިސްތިއުނާ ކުރި ކަމުގައި ވިޔަސް ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމާ ހިތްހަމަނުޖެހިގެން އިސްތިއުނާފު ކުރި އަނެއް ދެ މީހުންގެ މައްސަލައިގައި ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އާދަމް މުހައްމަދާއި އަހުމަދު އަލީ އިސްތިއުނާފު ކުރުމުގައި ވެސް ހުށަހަޅާފައިވާ ސަބަބުތަކަކީ ރަމްޒީ ވެސް ހުށަހަޅާފައިވާ ސަބަބުތައް ކަމަށްވުމާ އެކު ރަމްޒީ އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމައި ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމުން އާދަމް މުހައްމަދާއި އަހުމަދު އަލީ އިސްތިއުނާފު ކުރި މައްސަލަ ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.
ހައި ކޯޓުން މައްސަލަ ނިންމި އިރު ހިމަންދޫގެ މައްސަލައިގައި ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އަދަބު ލުއިކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނާ ސަރުކާރުގެ އިސް އޮފިޝަލުން ދާދިފަހުން ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. ސަރުކާރުން އެ މީހުންނަށް އަދަބު ލުއިކޮށްދޭނެ ކަމަށް ބުނި އިރު ގާނޫނުގެ ދަށުން ކުށްވެރިންނަށް ލުއި ދިނުމާ ބެހޭ ގޮތުން ރައީސަށް ލަފާ ދޭ ކްލެމެންސީ ބޯޑު އަދި ވަނީ ނުއުފައްދަ އެވެ.
ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ ބަޔަކާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ވަރަށް ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި މީހުން ވަނީ ސިފައިންގެ މީހަކު ރަހީނުކޮށް އޭނާ އަށް ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ.
ހިމަންދޫ މައްސަލައިގައި 10 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ