އެއިމް ސްޓޫޑިއޯގެ އާމިރަށް ޑައިރެކްޓަރު ފައްތާހު ފައިސާ ދައްކަން ޖެހޭ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

އެއިމް ސްޓޫޑިއޯ އިން ޑައިރެކްޓަރު އަބްދުލްފައްތާހު އަބްދުލްޤައްޔޫމް (ފައްތާހު) ކުއްޔަށް ނަގާފައިވާ ތަކެއްޗާއި އޭނާ ހެދި ފިލްމަކަށް އެ ސްޓޫޑިއޯ އިން ހަރަދު ކުރި 115،300ރ. އަކީ ސްޓޫޑިއޯގެ ވެރިޔާ އަހުމަދު އާމިރަށް ދައްކަން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައި ހައި ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ފައްތާހު އިސްތިއުނާފް ކުރި މައްސަލަ ބެލުމުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި މަދަނީ ކޯޓުންކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ވެސް ނެތް ކަމަށެވެ.
އެ މައްސަލައިގައި މަދަނީ ކޯޓުންކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެއިމް ސްޓޫޑިއޯ އިން ފައްތާހު ކުއްޔަށް ގެންގޮސްފައިވާ ތަކެއްޗާއި އޭނާ ހެދި ފިލްމެއްގެ އިޝްތިހާރަށާއި އެހެނިހެން ކަންކަމަށް އެ ސްޓޫޑިއޯ އިން ކޮށްފައިވާ ހަރަދުގެ ގޮތުގައި އާމިރު، ފައްތާހަށް ފޮނުވި އިންވޮއިސްގައިވާ 115،300ރ. އަކީ ފައްތާހު ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ.
އެ މައްސަލައިގައި ފައްތާހު މިއަދު ބުނީ އެއީ ދައްކަން ޖެހޭ އެއްޗެއް ނަމަ ކޯޓަށް ނުގޮސް ވެސް އެކަން ނިންމީސް ކަމަށެވެ. ނަމަވެސް "ހުރީމޭ އިންތިޒާރުގައި" އަކީ އާމިރުގެ ހިއްސާ މީގެ ކުރިން އޮތް އެޕޯލޯ އެންޓަޓެއިންމަންޓް އިން ޕްރޮޑިއުސް ކުރި ފިލްމެއް ކަމަށާއި ފިލްމު ހެދުމަށްޓަކައި ސާމާނު ކުއްޔަށް ގެނައީ އާމިރުގެ އެއިމް ސްޓޫޑިއޯ އިން ކަމަށެވެ. އެހެންކަމުން އެ ފައިސާ އަށް ޒިންމާވާން ޖެހޭނީ އެޕޯލޯ އިން ކަމަށް ފައްތާހު ބުންޏެވެ.
"އަޅުގަނޑު ހަމައެކަނި އެ ފިލްމު ޑައިރެކްޓް ކުރީ. އަޅުގަނޑު ގަބޫލެއް ނުކުރަން ޑައިރެކްޓަރު އެ ފައިސާ އަށް ޒިންމާވާން ޖެހޭނެ ކަމަކަށް،" ފައްތާހު ބުންޏެވެ.
އޭނާ ބުނީ ދަށު ކޯޓުންނާއި ހައި ކޯޓުން ވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ނިންމުމުން އެކަމަށް އިހްތިރާމް ކުރުމުގެ ގޮތުން އެއްފަހަރާ އެ ފައިސާ، ރައްޔިތުންގެ މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރަށް ދައްކާ ނިންމާނޭ ކަމަށެވެ. ނަމަވެސް އެއީ ދައްކަން ޖެހޭނެ އެއްޗެއް ކަމަށް އަދިވެސް ގަބޫލު ނުކުރާ ކަމަށް ފައްތާހު ބުންޏެވެ.
އާމިރު ވިދާޅުވީ ފިލްމު ހެދުމުގެ މަސައްކަތް ފެށިއިރު އެޕޯލޯ ކުންފުނި ވުޖޫދަށް އައިސްފައިނުވާ ކަމަށެވެ. އަދި އެ ފިލްމަށް އެއިމް ސްޓޫޑިއޯ އިން ތަކެތި ކުއްޔަށް ގެންދިއުމުގެ އިތުރުން ފިލްމު އިޝްތިހާރު ކުރުމުގަ އާއި އެހެނިހެން ކަންތައްތަކުގައި ސްޓޫޑިއޯއާ ޑީލްކޮށްފައި ވަނީ ފައްތާހު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ފައިސާ އަށް ޒިންމާވާން ޖެހޭނީ ވެސް ފައްތާހު ކަމަށް އާމިރު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާކަށް ނުޖެހޭ އެ ފިލްމު ޕްރޮޑިއުސް ކުރީ ކާކު ކަމެއް. އެ ފިލްމު ހެދުމަށްޓަކައި ތަކެތި ކުއްޔަށް ގެންގޮސްފައި ވަނީ ފައްތާހު. އިޝްތިހާރު ކުރުމާއި ފިލްމުގެ އެހެނިހެން ކަންކަމުގައި ވެސް މި ސްޓޫޑިއޯއާ ޑީލް ކުރީ ފައްތާހު. އެހެންވެ އޭނާ އެކަމަށް ޒިންމާވާން ޖެހޭނީ،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކުން އޭނާ އަށް ފައިސާ ދައްކަން ޖެހިފައި ހުންނާނެ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ މައްސަލަ ކޯޓާ ހަމައަށް ގެންގޮސްފައި ނޯންނާނެ ކަމަށެވެ. އެކަމަކު ފައްތާހުގެ މައްސަލަ ކޯޓަށް ވައްދަން ޖެހުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ކަމަށް އާމިރު ވިދާޅުވި އެވެ.
މައްސަލަ މަދަނީ ކޯޓަށް އާމިރު ހުށަހަޅުއްވާފައި ވަނީ އޭޕްރީލް ،6 2006 ގަ އެވެ. އެ މައްސަލަ މަދަނީ ކޯޓުން ނިންމާފައި ވަނީ ޖެނުއަރީ ،17 2007 ގަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި ފައްތާހު އިސްތިއުނާފް ކުރީ ފެބްރުއަރީ ،28 2007 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ