ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދީ އަދި ނިގުޅައިގަތީވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވައިގެން ތިއްބެވި މެންބަރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން މީގެ 10 އަހަރު ކުރިން ރައްޔިތުންނަށް ހޯދައިދިނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުން ކުރައްވައިގެން ކަމަށެވެ. ނަމަވެސް ހިތާމައަކީ މިއަދު އެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތީ ހަމަ އެމަނިކުފާނަށް ތާއީދު ކުރެއްވި މެންބަރުން ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ގެއްލުނު ހިޔާލުފާޅު ކުރުމުގެ މިނިވަންކަން 2018 ވަނަ އަހަރު ޕީޕީއެމްއިން އަލުން ހޯދައިދޭނެ ކަމަށެވެ.
“މީގެ 10 އަހަރު ކުރިން ރައިސް މައުމޫން މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނީ. މިއަދު އެކަން ހަނިކުރެއްވީވެސް އަޅުގަނޑުމެންގެ މެންބަރުން. ޕީޕީއެމްއިން 2018 ވަނަ އަހަރު އަލުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭނަން،” އުމަރު ވިދާޅުވެފައިވެ އެވެ.
ގިނަ އާންމުންނާއި ނޫސްވެރިންނާއި ފަންނުވެރިން ދެކޮޅު ހަދަމުން ދަނިކޮށް އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި އެވެ. ބިލް ފާސްކުރުމަށް 47 މެންބަރުން ބިލާ އެއްކޮޅަށް ވޯޓުދެއްވާފައި އެވެ.
ބިލު ހުށަހެޅުއްވީ ޕީޕީއެމްގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދެވެ. ރައީސް މައުމޫން ވަނީ އެންމެ ފަހުވަގުތުވެސް މި ބިލަށް ވޯޓު ނުދިނުމަށް އެ ޕާޓީގެ ޕީޖީ މެންބަރުންނަށް ދަންނަވާފައި އެވެ.
ނަމަވެސް ބިލާ ދެކޮޅަށް ވޯޓު ދިނީ ސަރުކާރު ކޯލިޝަންގެ ހަތަރު މެންބަރުންނެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދީ އަދި ހަނިކުރީވެސް އަޅުގަނޑުމެންގެ ތެރެއިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ