އިބްތިހާލްގެ މަރުގެ ޒިންމާ އެންމެން އުފުލަން ޖެހޭނެ - މައުމޫން

ވ.ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ހުރިހާ އެންމެން ޒިންމާވާން ޖެހޭނެ ކަމަށާއި މި ޒިންމާއިން އެއްވެސް މީހަކަށް ރެކެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ   އިބްތިހާލް މަރުވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެ ހިތާމައިގައި ޕީޕީއެމުން ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ތުއްތު ކުއްޖާގެ ފުރާނައަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ މިމައްސަލަ ކުށްވެރިކޮށް، ކަމާއި ބެހޭ ފަރާތްތަކުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ފަރާތުން ގޮވާލިކަން ފާހަގަކުރައްވާފައެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލާފައިވާނެކަން މައުމޫން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ، އަޅުގަނޑުމެން އެންމެ ޒިންމާ އުފުލަން ޖެހޭނެ ކަމެއް، އަޅުގަނޑުމެން އެންމެން މި ހިތާމަވެރި ހާދިސާގައި ޒިންމާ އުފުލަން ޖެހޭނެ، އެއްވެސް މީހަކަށް މި ޒިންމާއިން ރެކެވެން ނެތް، މިކަހަލަ ކަމެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގައިގެން ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރަކީދޫއަކީ ވަރަށް ކުޑަ ކުޑަ ރަށަކަށްވާއިރު، އެރަށުގެ ރައްޔިތުންނަކީ ވަރަށް ދީލަތި، ހެޔޮ ބައެކެވެ. އަދި މިފަދަ ގޮތަކަށް މަޝްހޫރުވެފައިވާ ރަށެއްގައި ހިތާމަވެރި ހާދިސާއެއް ހިނގުމަކީ މައްސަލައެއްކަން މައުމޫން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށާއި އެކުދިންގެ މުސްތަގުބަލަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އޭގެތެރޭގައި ކުޑަ ކުދިންނާއި ބެހޭ ޔުނިޓެއް ގާއިމު ކުރުމާއި، ރާއްޖެއިން އިސް ނަގައިގެން ސާކް ގައުމުތަކުގެ މެދުގައި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫތަކެއް ފާސް ކުރުން ފަދަ ކަން ކަން ކުރެވިފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކަކީ ހަމައެކަނި ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ، ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށް، މަގުމަތީގައި މުޒާހަރާ ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީތައް ވާން ޖެހޭނީ ރައްޔިތުން ދިފާއުކޮށްދޭ، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ ޕާޓީތަކަކަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާ ބަޔަކަށް ސިޔާސީ ޕާޓީތައް ވާން ޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
"ހުރިހާ އުމުރެއްގެ މީހުންގެ ފުރާނަ ސަލާމަތްކޮށްދީ، ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަކީ ޕާޓީތަކުގެ ސޯޝަލް ރެސްޕޮންސިބިލިޓީއެއް، ނުވަތަ އިޖުތިމާއީ މަސްއޫލިއްޔަތެއް، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް މިކަން އެބައޮތް ލިޔެވިފައި، އަޅުގަނޑުމެން މިދައްކަނީކީ ހުސް ވާހަކައެއް ނޫން،" މައުމޫން ވިދާޅުވިއެވެ.
މަންމަގެ ފަރާތުން އިބްތިހާލަށް އެތައް ފަހަރެއްގެ މަތިން އަނިޔާ ލިބިފައި ވާކަމަށް ރަކީދޫ ރައްޔިތުންނާއި ކައުންސިލުން ވެސް މައުލޫމާތު ދީފައި ވާއިރު، އިބްތިހާލުގެ ހަށިގަނޑުން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެގޮތުން އިބްތިހާލްގެ ކަރަށާއި، ކަންފަތުގެ އިތުރުން ކުރިމަތިފަރާތަށް ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އަދި އިބްތިހާލްގެ މަންމަ ވަނީ އެ އަނިޔާތައް އިބްތިހާލްއަށް ދިން ކަމަށް އެއްބަސްވެފައެވެ.
ފުލުހުން މިހާރު ވަނީ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު ހައްޔަރުކޮށްފައެވެ.
މައްސަލަ އިތުރަށް ތަޙުޤީޤުކޮށް، ކުރަންޖެހޭ ތަޙުލީލުތަކާއި، ޓެސްޓުތައް ކުރުމަށްފަހު އިބްތިހާލްގެ ހަށިގަނޑު މިއަދު ވަނީ ވަޅުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ