ހޭންޑުބޯޅަ ކުޅޭނެ ބިމެއް އައްޑުއަށް ވަރަށް މުހިންމު: މޭޔަރ

އައްޑޫސިޓީއަށް ހޭންޑްބޯޅަ ތައާރަފް ކުރުމާ ގުޅިގެން އެކުޅިވަރު ކުޅޭނެ މިބެއް އައްޑުއަށް ވަރަށް މުހިންމު ކަމަށް އެ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.
ސާދިގު ވިދާޅުވީ ޒާމާންވީ ކުޅިވަރެއް އައްޑުއަށް ތައާރަފް ވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ކުރިއެރުން ހަރުދަނާކޮށް ތަރައްގީ ކުރެވޭނީ އެކުޅިވަރު ކުޅޭނެ ބިމެއް ހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އެފަދަ ކަންކަން ނިންމުމުގެ ބާރެއް ސިޓީކައުންސިލަށް މިހާރު ނޯންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކުޅިވަރު ކުޅޭނެ ބިމެއް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށެވެ.
ސާދިގު ވިދާޅުވީ ހޭންޑުބޯޅަ ކުޅެން ޝައުގުވެރިވާ ވަރަށްގިނަ ޒުވާނުން އައްޑޫގައި އެބަތިބި ކަމަށެވެ. އެހެންކަމުން އެކުޅިވަރު ކުޅެވޭނެ ގޮތް ހެދުމާއި ތަރައްގީ ކުރުމަށް އައްޑޫސިޓީ ކައުންސިލަށް ކޮށްދެވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
އައްޑުއަށް ހޭންޑުބޯޅަ ތައާރަފް ކުރީ ހޭންޑްބޯލް އެސޯސިއޭޝަނާއި، އައްޑޫސިޓީ ކައުންސިލާއި، އަމިއްލަ ޖަމާއަތެއް ކަމަށްވާ މަފްސީ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ